ރޯދަމަހަކީ އަހަރުމެންގެ ކެއުމަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސް ވަރެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެދުވަސްވަރު ކެވޭ ފޮނިކާތަކެތި އިތުރު ވުމެވެ. މިކަމުގެ ސަބަބުން ބަރުދަން އިތުރުވެ ސިއްހީ ގިނަ މައްސަލަތައް ވެސް ކުރިމަތިވެ އެވެ.

ޕްރޮޓީން ގިނަ ކާނާ ގިނައިން ބޭނުންކުރުން

ޑައިޓް ކުރާ މީހުން ވެސް އެންމެ ގިނައިން ބޭނުންކުރާ އެކަށްޗަކީ ޕްރޮޓީން އެވެ. އެއީ ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުމުގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ހުރުމަށް އެހީ ވެދޭތީ އެވެ. ބިސް، ބީންސް، ޔޯގަޓް ފަދަ ތަކެއްޗާއި ފޮނި އެއްޗެހި ބަދަލު ކޮށްލުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެ އެވެ. އަދި ފޮނި އެއްޗެހި ކެއުމުން ދުރުކޮށްދެ އެވެ.

ހުތް ކާނާ ކެއުން

ލުނބޯ، އޮރެންޖު ފަދަ ހުތް ކާނާ އަކީ ފޮނި އެއްޗެހި ކެއުމުން މަދުކޮށްދޭ އެންމެ ރަނގަޅު ހަތިޔާރެވެ. ހުތް ކާނާގައި ގިނަ އަދަދަކަށް ޕުރޮބައިއޯޓިކްސް ނުވަތަ އޯގާނިކް އެސިޑް ހިމެނުމުގެ ސަބަބުން ރަނގަޅު ޖަރާސީމް އުފެދުމަށް އެހީވެދެ އެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުން ދުރުކޮށްދީ ހަށިގަނޑުގެ ދުޅަހެޔޮކަށް އިތުރުކޮށްދެ އެވެ.

ކުޅި އެއްޗެހި ކެއުން

ކުޅި އެއްޗެހި ކެއުމަކީ ވެސް ފޮނި ތަކެތި މަތިން ފޫހިކޮށްލާ ކަމެވެ. ކުޅި ކާނާއޭ ބުނުމުން ކާންވީ މިރުހެއް ނޫނެވެ. ބޭނުންކުރަންވީ ހާބް ތަކެވެ. އެއީ ކާއެއްޗެހި ތައްޔާރު ކުރަން ބޭނުންކުރާ އިނގުރު ނުވަތަ ރީދޫ ފަދަ ތަކެއްޗެވެ. އެފަދަ ތަކެތި ބޭނުންކޮށްގެން މީރު ސައެއް ނުވަތަ ކިރު ތައްޓެއް ތައްޔާރު ކޮށްލާށެވެ. ފޮނި ކާ އެއްޗެހިން ދުރުކޮށް ދިނުމުގެ އިތުރުން ހަށިގަނޑަށް ގިނަ ފައިދާތަކެއް މި ތަކެތިން ކުރުވަ އެވެ.