ޔޫތު މިނިސްޓްރީން ގުދަން ހަދާފައި ވަނީ ހުއްދަ ނުހޯދައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޔޫތު މިނިސްޓްރީން ހަދާފައިވާ ގުދަނަކަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަދެ ރޭ ހުސްކުރަން ފެށުމުން އެއީ މިނިސްޓްރީ އަށް ނޭނގި ގަވާއިދާ ހިލާފަށް ކުރާ ކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ނަމަ ޔޫތު މިނިސްޓްރީން ބޭނުންކުރީ އެ ކައުންސިލްގެ ބިމެއްގައި ހަދާފައިވާ ގުދަނެކެވެ. މާލެހިޔާ ކައިރިން ކުރީގެ ރުމާލު ޖަގަހަ އާއި ޓޯ ޔާޑާ ދެމެދު އޮންނަ ބިމުގައި ޔޫތު މިނިސްޓްރީގެ ގުދަން ހަދާފައިވާއިރު އެ ބިމުގެ ރަޖިސްޓަރީ އޮތީ ކައުންސިލަށް ކަމަށް ބަޔާނުގައި ބުންޏެވެ. ނަމަވެސް މިނިސްޓްރީން އެ ގުދަން ހެދީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް އެ ކައުންސިލުން ބުންޏެވެ.
އަދި މާލޭ ސިޓީ ކައުންސިލުން އެ ބިމުގައި ގުދަނެއް ހެދުމަށް ނުވަތަ އެ ބިމުގެ ބައެއް ކުއްޔަށް ދިނުމަށް އެއްވެސް ފަރާތަަކާ އެއްބަސްވުމެއް ހަދާފައި އޮތް ކަން މާލޭ ސިޓީ ކައުންސިލްގައި ހުރި ލިޔުންތަކުން އެނގެން ނެތް ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެއީ ސިޓީ ކައުންސިލްގެ ހުއްދަ ނެތި، ގަވާއިދާ ހިލާފަށް ހަދާފައިވާ ގުދަނަކަށް ވާތީ، އެ ތަނުގައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގެޒެޓްގައި އިއުލާންކުރި ކަމަށާއި ވެސް އެފަދަ އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާތީ އެއީ ވެރިފަރާތެއް ނެތް ގުދަނެއް ކަމަށް ބަލައި އެ ތަން ހުސްކުރަން ފެށީ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އޭގެ ބޭނުމަކީ އެ ގުދަން ހުރި ތަނުން ކައުންސިލަށް އެއްވެސް މަންފާއެއް ނުލިބޭތީ، ބިމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގުދަން ހުސްކުރަން ސިޓީ ކައުންސިލުން މަސައްކަތް ކުރި ކުރުން ޔޫތު މިނިސްޓްރީން މިހާރު ވަނީ ފުލުހުންނަށް ހުށައަޅާފަ އެވެ.