1903 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ ފުޓުބޯޅަ މުބާރާތް "ސްޕެނިޝް ކޮޕަ ޑެލްރޭ"ގެ ފައިނަލުގައި ވާދަކުރާނެ ޓީމުތައް މި ބުދަ އަދި ބުރާސްފަތީގައި ކުޅެވޭ ފޯރިގަދަ ސެމީ ފައިނަލު މެޗުތަކަށްފަހު އެނގޭނެ އެވެ. މި ދެމެޗު ވެސް މީޑިއާނެޓުގެ އައިސް ޕްލަސް ޗެނަލް މެދުވެރިކޮށް ފެންނާނެ އެވެ. އަދި މީޑިއާނެޓުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް މި މެޗު ބަލާލެވޭނެ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗުތަށް 2 އަދި 3 މާޗުގައި ކުޅެ ނިމިފައިވާއިރު، އޮސަސޫނާ އަދި ބާސެލޯނާއިންވަނީ އެތްލެޓިކް ކްލަބް އަދި ރިއާލް މެޑްރިޑް މައްޗަށް ކުރި ހޯދާ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލާފަ އެވެ.
މިހާ ހިސާބުން ސެމީ ފައިނަލުގެ ދެ މެޗަށް ކުޑަ ނަޒަރެއް ހިންގާލާނަމެވެ.
- އޮސަސޫނާ – އެތްލެޓިކް ކްލަބް
- މެޗު ކުޅޭ ދުވަސް: 5 އޭޕްރިލްގައި
- މެޗު ކުޅޭ ގަޑި: 00:00
މި ދެ ޓީމު މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބައްދަލު ކުރީ މާޗް 2 ގައި އޮސަސޫނާގެ އެލް ސަދާރް ސްޓޭޑިއަމްގަ އެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން އޮސަސޫނާއިން ވަނީ ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 47 ވަނަ މިނެޓުގައި ޖަހާދީފައި ވަނީ އޮސަސޫނާގެ ފޯވަޑް މޮރޮކޯގެ އަބްދެ އެޒަލްޒޫލީ އެވެ.
ސްޕެނިޝް ލަލީގާގައި ވެސް މިދެޓީމުގެ ވާދަވެރިކަން ބޮޑެވެ. އެތްލެޓިކް ކްލަބް 37 ޕޮއިންޓާއެކު 7 ވަނައިގައި އޮތް އިރު އެންމެ 2 ޕޮއިންޓް މަދުކޮށް އޮސަސޫނާ އޮތީ 35 ޕޮއިންޓާއެކު 9 ވަނައިގަ އެވެ. މި މެޗަކީ ދެ ކްލަބަށް ވެސް މުހިއްމު މެޗަކަށްވާނެ އެވެ. އޮސަސޫނާ އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅެފައިވަނީ 2005 ވަނަ އަހަރު އެވެ. އެތްލެޓިކް ކްލަބްއިން ވަނީ 2021 ވަނަ އަހަރު ފައިނަލުގައި ވާދަކޮށްފަ އެވެ.
- ބާސެލޯނާ – ރެއާލް މެޑްރިޑް
- މެޗު ކުޅޭ ދުވަސް: އޭޕްރިލް 6 ގައި
- މެޗު ކުޅޭ ގަޑި: 00:00
ސެމީ ފައިނަލެއްގައި "އެލް ކްލެސިކޯ" އެއް ފެނިގެންދިޔުމަކީ ހަމަގައިމުވެސް ފުޓުބޯޅަ ޝައުގުވެރި ފުޓުބޯޅަ މެޗެއް ފެނިގެންދާނެކަން ޔަގީންވާ ކަމެކެވެ. މުޅި މި މުބާރާތުގެ ވެސް އެންމެ ކާމިޔާބު ޓީމު ބާސެލޯނާއިން ވަނީ 31 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ. ރިއާލް މެޑްރިޑުން ވަނީ 19 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މި ދެޓީމު ކުޅުން ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބާސެލޯނާއިން ވަނީ 1-0 ނަތީޖާއަކުން ރިއާލް މެޑްރިޑް މައްޗަށް ކުރިހޯދާފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ގޯލަކީ ރެއާލް މެޑްރިޑްގެ ޑިފެންޑަރު އެޑަ މިލިޓާއޯ އަތުން ބައިކޮޅަށްވަން ލަނޑެކެވެ.
ދާދި ފަހުން ވެސް ކުޅެވިގެންދިޔަ އެލް ކްލެސިކޯގައި ބާސެލޯނާއިން ވަނީ ރެއާލް މެޑްރިޑް މައްޗަށް ކުރިހޯދާފަ އެވެ. ނަމަވެސް ރެއާލް މެޑްރިޑް މިވަގުތު އޮތީ ވަރަށް ވަރުގަދަ ފޯމެއްގަ އެވެ އެހެންކަމުން މި މެޗު ވަރަށް ފޯރިގަދަވާނެ ކަމަށް ޔަގީންކުރެވެ އެވެ.
މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތަކާއި މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީންތަކުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެ އެވެ.