ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 5،848 ޓޫރިސްޓުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެ އައި ޓޫރިސްޓުން އަދަދަށް ވުރެ ވެސް މަތީގަ އެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 2019 ވަނަ އަހަރު އައި ޓޫރިސްޓުންގެ އަދަދަށް ވުރެ ވެސް އިތުރުވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 555،537 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.6 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 457،005 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 5،848 ޓޫރިސްޓުން އަންނައިރު، އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ރާއްޖޭގައި މިހާރު 1،232 ތަނެއް ހުޅުވާފައިވެ އެވެ. އެއީ މުޅި ޖުމްލަ 60،510 އެނދެވެ. މީގެ ތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތައް އަދި ސަފާރީތައް ހިމެނެ އެވެ.

ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒުހިފާފައި ވަނީ 1.9 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.