ރައިޒާ އެލެކްސެންޑްރިއާ ގާޒިއާ ސަން ނުވަތަ ރަހްމާއަކީ މީގެ އެއް އަހަރު ކުރިއަށް ބަލާއިރު ޔަހޫދީ ދީނަށް އަޅުކަންކުރި އަންހެެނެކެވެ. އޭރު އޭނާގެ ހިތުގައި ވަނީ ހިތްދަތިކަމާއި ނުތަނަވަސްކަމާއި ހާސްކަން ކަމުގައި އޭނާ ބުނެ އެވެ.

ޔޫއޭއީގައި އުފަންވެ އެގައުމުގައި ބޮޑުވަމުން އައި ރަހްމާއަށް އެންމެ ކުޑައިރު އިވޭ ބަންގީގެ އަޑު ވީ އޭނާއަށް އެހާ ކަމުދާ އަޑަކަށް ނޫނެވެ. އެހެން ނަމަވެސް ބޮޑުވަމުން އައި ވަރަކަށް ބަންގީގެ އަޑުން ހިތަށް ލިބެން ފެށި ހިތްހަމަ ޖެހުން ވީ އިތުރެވެ.

ބޮޑުވަމުން އައިއިރު ޔަހޫދީ ފައްޅީގެ ކަންކަމުގައި ގަވާއިދުން ބައިވެރިވާ ކަމަށް ބުނަމުން ރަހްމާ ވަނީ ކޮންމެ ދީނަކީ ވެސް ރަނގަޅު ކަންތައްތަކެއް ހުރި ދީނެއް ކަމަށާއި އެހެން ނަމަވެސް އޭނާއަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވުނީ އިސްލާމް ދީނުގައި ކަމަށް ބުނެފަ އެވެ.

ފިލިޕީންސްއަށް ނިސްބަތްވާ އުމުރުން މިހާރު 29 އަހަރުގެ ރަހްމާ ބުނީ ވަޒީފާގެ ނުތަނަވަސްކަމާއި ހާސްކަމުގެ ތެރެއިން އޭނާއަށް ކުޑަވެސް ހިތްހަމަޖެހުމެއް ލިބެނީ ބަންގީގެ އަޑުން ކަމަށެވެ.

އިސްލާމް ދީނާމެދު ހިތުގައި ޝައުގުވެރިކަން އޮންނަތާ އެތައް އަހަރެއް ފަހުން އޭނާ އިސްލާމް ދީން ގަބޫލުކުރި ބައެއް ރަހުމަތްތެރިންގެ މަޝްވަރާ އޭނާ ހޯދީ މިދިޔަ އަހަރު އެވެ.

ރަހުމަތްތެރިންގެ ބަހާއި އަމިއްލައަށް ކުރި ދިރާސާތަކުން ހައްގު ދީނަކީ އިސްލާމް ދީންކަން ޔަގީން ކުރެވި އޭނާ ޝަހާދަތުގެ ދެކަލިމަ ރަސްމީކޮށް ކިޔާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

މުސްލިމެއްގެ ގޮތުގައި އޭނާގެ ފުރަތަމަ ރޯދަމަހާ ބެހޭ ގޮތުން ރަހްމާ ބުނީ އޭނާއަކީ ކުރިން ވެސް ރޯދަ ހިފާ އުޅުނު މީހެއް ކަމަށާއި އެހެން ކަމުން އެކަމުގައި އެއްވެސް އުނދަގުލެއް ކުރިމަތިނުވާ ކަމަށެވެ. އެހެން ނަމަވެސް މި ރޯދަ މަހަކީ ހާއްސަ ރޯދަމަހެއްކަން އޭނާ ފާހަގަ ކުރި އެވެ.

ރަހްމާ އިތުރަށް ބުނީ އޭނާގެ ދިރިއުޅުމާއި އިސްލާމް ދީން މިހާރު ގުޅިލާމެހިފައިވާ ކަމަށާއި ގަވާއިދުން ފަސް ވަގުތު ނަމާދު ކުރުމަކީ އޭނާގެ ހިތް އެދޭ ގޮތް ކަމަށެވެ.