މައްކާ (އެޕްރީލް 12) - މި އަހަރުގެ ރޯދަ މަހު އުމްރާގެ އަޅުކަމަށް ދިޔަ މީހަކު އޭނާގެ މަންމަ ކޮނޑަށް ލައިގެން ގެފުޅު ވަށައި ތަވާފްކުރާ ވީޑިއޯއެއް އާއްމުވުމާ އެކު އެތައް ބައެއްގެ ތައުރީފް އޮހެރެން ފަށައިފަ އެވެ.
ޓްވިޓާ އާއި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށް ތައުރީފް ކުރި މީހުން ބުނި ގޮތުގައި އެ މީހާގެ މަންމަ އަށް އެހާ ބޮޑަށް އަޅާލުން ދީގެން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުން ދޭހަކޮށްދެނީ މަންމައަށް އޮތް ލޯތްބާއި ކުލުނު ކަމަށެވެ. އަދި އެއީ ރަސޫލާގެ ހަދީސް ބަސްފުޅުގައިވާ ގޮތަށް ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައިކަން ހަނދުމަކޮށްދޭ މަތިވެރި މިސާލެއް ކަމަށް ބުނެފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ކައުބާ ފަށައިގެން ތަވާފް ކުރަމުން ދިޔަ އިރު އެ މީހާ ދިޔައީ އުމުރުން ދުވަސްވީ މަންމަ ކޮނޑަށް އަރުވައިގެން ތަވާފް ކުރަމުންނެވެ. މަންމަ ކޮނޑުގައި އިންއިރު ވެސް މަންމަ އަށް ވަރަށް ބޮޑަށް އަޅާލަމުން ދިޔަ މަންޒަރު ފެނެ އެވެ. ކޮނޑުގައި އިން މަންމަ ވެސް ފެނުނީ ވަރަށް އުފާވެރިކޮށެވެ. ދޭތެރެ ދޭތެރެއިން މަންމަ ދިޔައީ ދަރިފުޅުގެ ބޮލުގައި ބޮސް ދެމުންނެވެ.
ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ އެ މީހާގެ މަންމަ އަށް އަދާކުރި އިހްތިރާމަށް ތައުރީފް ކޮށްފަ އެވެ. އަދި މިއީ ޅަ ދުވަހު މަންމަގެ ފަރާތުން ލިބުނު އޯގާތެރިކަން މައިން މުސްކުޅިވި ދުވަހު ދިނުމުގެ ލާމަސީމު އަމަލެއް ކަމަށް ބުނެފައިވެ އެވެ.
އެ އުމުރުގެ މީހަކަށް މި ދުވަސްވަރު ހަރަމްފުޅު ފަށައިގެން ތަވާފް ކުރުން ފަސޭހައެއް ނުވާނެ އެވެ. ރޯދަ މަހުގެ އުމްރާގެ އަޅުކަމާ ދިމާކޮށް ހަރަމްފުޅުގައި އެހާ ވެސް ބައިބޮލެވެ. ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ވަނީ 18 މިލިއަން މީހުން އުމްރާކޮށްފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހު އެކަނިވެސް 1.17 މިލިއަން މީހުން ވަނީ ހަރަމްފުޅުގައި ނަމާދުކޮށްފަ އެވެ.
ގެފުޅު ވަށައިގެން ތަވާފްކުރަން އޮންނަ މަތާފް އޭރިއާ އަށް މީގެ ކުރިން ފުރޮޅުލީ ގޮނޑި ވެއްދުނު ނަމަވެސް، މީހުން ގިނަވުމުން މިހާރު އެ ފުރުސަތެއް ނުދެ އެވެ. އެހެންވެ އެ މީހާ ގަސްދުކުރީ މަންމަ ކޮނޑަށް ލައިގެން ތަވާފް ކުރުމަށެވެ.