ޕާކިސްތާނުންް މިއަދު ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 4.98 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން ރާއްޖެއައި ޕާކިސްތާން ފަސެންޖަރެއްގެ ލަގެޖުން ކަމުގައެވެ. މިގޮތުން މިތަކެތި އަތުލައިގެންފައިވަނީ، މިއަދު ޕާކިސްތާނުގެ ކަރާޗީން ރާއްޖެއައި، ޕާކިސްތާނުގެ، އުމުރުން 53 އަހަރުގެ ފިރިހެން ފަސެންޖަރަކާމެދު ޝައްކު ކުރެވިގެން އޭނާއާއި ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ތެރޭގައި ކަމުގައިވެސް ކަސްޓަމްސްއިން ހާމަކޮށްފައި ވެއެވެ.

މިގޮތުން ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

އަތުލައިގަނެވިފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކާ، މި އެމީހާއާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލު ކުރެވިފައިވާކަމަށެވެ.