ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރުގެ ކައިވެނި ކުރިއަށް ދިޔައީ އެދެތަރިން އެެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި އެކަމުގެ ސަބަބަކަށްވީ އާލިއާ ބަލިވެ އިނުން ކަމަށް އަޑުތައް އަރައިފި އެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުންނަމަ "ޑެސްޓިނޭޝަން ވެޑިން"އެއް ބޭނުންނުވާ ކަމަށް ބުނެ އާލިއާ ހެދީ ދޮގުކަން ފަޅާ އަރާފައިވަނީ ރަންބީރުގެ މަންމަ ނީތޫ ކަޕޫރު މީގެ ކުރިން ދީފައިވާ އިންޓަވިއުއެއް ފެންމަތިވުމުންނެވެ.

އެ އިންޓަވިއުގައި ނީތޫ ބުނެފައިވަނީ ރަންބީރާއި އާލިއާ ބޭނުންވަނީ ދެކުނު އެފްރިކާގައި ކައިވެނި ކުރަން ކަމަށެވެ. އެހެން ނަމަވެސް ކަންތައް ދިމާކުރި ގޮތުން އެކަން ވާގޮތް ނުވީ ކަމަށް ނީތޫ ބުނެފައިވެ އެވެ.

ރަންބީރާއި އާލިއާ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ރަންބީރުގެ ގޭގެ ޓެރަހުގަ އެވެ. އޭނާގެ ކައިވެނީގެ ހަފްލާއާ ބެހޭގޮތުން ވާހަކަ ދައްކަމުން އާލިއާ ވަނީ ކައިވެނީގެ ހަފްލާ ކުޑަ ގޮތަކަށް ގެންދިއުމަކީ އޭނާ އަބަދުވެސް ބޭނުންވި ގޮތް ކަމަށެވެ.

އާލިއާއާއި ނީތޫގެ ވާހަކަތަކުގައި ތަފާތުތައް ހުރުމާއެކު އެންމެ ބޮޑަށް ލަފާ ކުރެވޭ ގޮތަކީ އާލިއާ އެންމެ ބޭނުންވި ގޮތަށް އޭނާގެ ކައިވެނި ނުކުރެވުނީ އަލަތު ދަރިފުޅަށް ބަލިވެ އިނުމުގެ ސަބަބުން ކަމަށެވެ.

ރަންބީރުއާއި އާލިއާގެ ކައިވެންޏަށް ނުވަ މަސް ނުފުރެނީސް މިދިޔަ ނޮވެމްބަރު މަހު އާލިއާ ވަނީ އެދެމީހުންގެ އަލަތު ދަރިފުޅު ރަހާ ކަޕޫރު ވިހާފަ އެވެ.

އެހެން ކަމުން ކައިވެނި ކުރިއިރު ވެސް އާލިއާ އިނީ ބަލިވެ ކަމަށާއި އެހާ އަވަސް އަރުވާލައިގެން ކުޑަ ގޮތަކަށް ކައިވެނި ކުރަން ނިންމީ ވެސް އެހެންވެ ކަމަށް އަޑުތައް ވަނީ އަރާފަ އެވެ.