އެމެރިކާގެ މަޖައްލާއެއް ކަމަށްވާ ޓައިމްސް މެގަޒިންއިން ކޮންމެ އަހަރަކު ނެރޭ "އެންމެ ނުފޫޒުގަދަ 100 މީހުން"ގެ ލިސްޓުގެ މި އަހަރުގެ އަދަދުގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ހިމެނިއްޖެ އެވެ.

ޝާހުރުކްގެ ފިލްމު "ޕަތާން"އިން މިއަހަރު ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރާލާފައިވާއިރު އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި އޭނާ ހިމެނުމުގެ އެއް ސަބަބަކީ އެއީ ކަމަށް ހަބަރުތައް ބުނެ އެވެ.

ޓައިމްސް މެގަޒިންގެ ލިސްޓުގައި ޝާހުރުކްގެ އިތުރުން މިއަހަރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތެލުގޫ ފިލްމު އާރްއާރް އާރްގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވެސް ހިމެނެ އެވެ.

މި ލިސްޓުގައި ޝާހްރުކް ހިމެނުމާއެކު ބޮލީވުޑްގެ ގިނަ ފަންނާނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި ދީޕިކާ ޕަދުކޯންއާއި އާލިއާ ބަޓް ހިމެނެ އެވެ.

އެގޮތުން ދީޕިކާ ބުނެފައިވަނީ ޝާހުއަކީ ބައިނަލްއަގްވާމީ ފަންނާނެއް ކަމަށާއި އޭނާއާ އެއްކޮށް މަސައްކަތް ކުރަން ލިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

ޝާހްރުކް ދެން އެންމެ އަަވަހަށް ފެނިގެންދާނީ ޖޫން މަހު ނުކުންނަ އަތުލީ ކުމާރުގެ "ޖަވާން" އިންނެވެ. އެއަށްފަހު ޑިސެމްބަރު މަހު ނުކުންނަން ހަމަޖެހިފައިވާ ރާޖް ކުމާރް ހިރާނީގެ "ޑަންކީ" އިންވެސް އޭނާ ފެނިގެންދާނެ އެވެ.