އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް އިއްޔެ ވަނީ ރިޓަޔާ ކުރައްވާފަ އެވެ. ފައިރޫޝަށް ޝުކުރު ދެންނެވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޭކު ފަޅުއްވާ މެސެޖްތަކާއެކު ޓުވީޓު ވެސް ކުރެއްވި އެވެ. އެކަމާ ހެދި އެމްޑީޕީގެ ބޮޑުންގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ އެވެ.

ސީޕީގެ ޓުވީޓަށް އެންމެ ފުރަތަމަ ރައްދު ދެއްވީ ރައީސް މުޙައްމަދު ނަޝީދު އެ މަނިކުފާނުގެ ނުރަސްމީ އެކައުންޓުންނެވެ. އެލެކްސް އަހުމަދުގެ ނަމުގައި އެމަނިކުފާނު ވިދާޅުވީ "ބަޣާވާތަށް ވެސް ޝުކުރު އަދާކުރެއްވިންތޯ އެވެ."

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސިފަކުރެއްވީ އެއީ ލަދުވެތި ކަމެއްގެ ގޮތުގަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވެސް ވަނީ ސީޕީއަށް ރައްދު ދެއްވާ ޓުވީޓު ކުރައްވާފަ އެވެ. އަދި ފެބްރުއަރީ 7ގެ ތަހުގީގަށް މުހައްމަދު ހަމީދު ދެއްވާފައިވާ ބަޔާނުގެ އޯޑިއޯއެއް ޓުވީޓު ކުރައްވާ ވިދާޅުވީ އިތުބާރު ކުރަންވީ މިހާރުގެ ކޮމިޝަނަރަށް ކަމެއް ނުވަތަ ފައިރޫޝްއަށް ކަން އޮޅިވަޑައިގެންފި ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ވެސް ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފައިރޫޝްއަކީ ފެބްރުއަރީ 7 ގެ "ބަޣާވާތުގެ" ބައިވެރިއެއް ކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުންނާއި އަދި ސަޕޯޓަރުން އަބަދުވެސް އިނގިލި ދިއްކުރާ ބޭފުޅެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެކިހަލަ ވާހަކަތައް ވެސް ދައްކާފައިވެ އެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ފަރުމާ ކުރެވިފައި އޮތީ ފެބްރުއަރީ 7 ގެ ބަޣާވާތުގައި ބައިވެރިވި ފުލުހުން ވަކިކުރެވޭ ގޮތަށެވެ.