މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ދެކެވޭ ވާހަކަ ޕީޕީއެމް އިން ދޮގުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ވަނީ މުއިއްޒުއަށް ތުހުމަތުތަކެއްކޮށް ވާހަކަތަކެއް ފަތުރާފަ އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށްވުމަށް އަމިއްލައަށް ކެމްޕެއިން ކުރާ ކަމަށް ބުނެ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އާއިލާއިން ޕާޓީއަށް މުއިއްޒުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވަނީ އަޑު ފަތުރާފަ އެވެ.

ނަމަވެސް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. ހީނާ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި މުއިއްޒުގެ ސުލޫކީ މައްސަލައެއް އެ ޕާޓީއަށް ހުށަހެޅިފައިނުވާ ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ. ނަމަވެސް އެ މަނިކުފާނު މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެމަނިކުފާނަށް އިއްވި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ފަށާފައެއްނުވެ އެވެ.