މިއަދަކީ މިއަހަރުގެ ފިތުރު އީދަށް ވާއިރު މި ދުވަސް ފާހަގަ ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކަންތައްތަކެއް އަންނަނީ ރޭވެމުންނެވެ.
އެގޮތުން ކުޅިވަރު މުބާރާތްތަކާއި އެކި ކަހަލަ ޝޯތައް ރާއްޖޭގެ ރަށްރަށުގައި އިންތިޒާމު ކުރި ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ހަރަކާތްތަކުގެ ފުރުސަތު ވަރަށް މަދެވެ.
ދެން އުފެދޭ ސުވާލަކީ މިފަހަރުގެ އީދުގައި މާލެ ސަރަހައްދުގެ ރައްޔިތުންނަށް އޮތީ ކޮން ކަމެއްތޯ އެވެ. އީދު ބަންދުގައި ރަށްރަށަށް ފުރައިގެން ނުދެވުނު މީހުންނަށް އީދުގެ އުފަލުގައި ބައިވެރި ވެވޭނެތޯ އެވެ.
ކަންދިމާކުރި ގޮތުން މިފަހަރުގެ އީދަކީ ދިވެހިންނަށް ހާއްސަ އީދެކެވެ. ހުކުރު އީދަކަށް ވުމުގެ އިތުރުން މި އީދު ދިމާވީ ދިވެހި ރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ އަހަރީ ދުވަހަށެވެ.
އެމްއެންޑީއެފްގެ އަހަރީ ދުވަހާއި އީދާ ދިމާކޮށް މާލޭގައި ވެސް މިފަހަރު ބައެއް ކުޅިވަރުތައް ރޭވިފައި އެބައޮތެވެ. މިއަދުގެ ހަވީރު މާލޭގެ މަގުތަކުގައި އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމެއް އޮންނައިރު ރޭގަނޑު ހަވާގެ ކުޅިވަރުތައް ވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އެހެން ކަމުން މި އީދަކީ މާލޭގެ ރައްޔިތުންނަށް މުޅިން ފަނޑު އީދަކަށް ނުވާނެ އެވެ. މި ކުޅިވަރުތަކުގައި އާއިލާއާ އެކު ބައިވެރިވެލުމަކީ ކުރެވިދާނެ ކަމެކެވެ.