ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އިން ކުރިއަށް ގެންދާ ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ވާދަކުރުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

ބެޓް ޓޫރިޒަމް ވިލެޖަސް ޕްރޮގުރާމްއަކީ ޔޫއެންޑަބްލިއުޓީއޯއިން ރަށްފުށުގެ ކުރިއެރުމާއި، ތަރައްގީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ މައި ވަސީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރަށްފުށު ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކުރިން މި ފުރުސަތު ހުޅުވާލީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި މުއްދަތު އިތުރުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކުރީ ވީހާ ވެސް ގިނަ ރަށްތަކަށް މި ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން ގިނަވެގެން އަށް ރަށް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023" އަށް ހުށައަޅާނެ އެވެ. މިކަމަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެންޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމާއި، ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި ޓޫރިޒަމް މިނިސްޓްރީން މިރަށްތަކަށް އެހީތެރިވެދެއްވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ، ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްތަކުގެ ތެރެއިން ރަށުގައި ދިރިއުޅޭ އާބާދީގެ އަދަދު 15،000 އަށް ވުރެ މަތި ނޫން ރަށް ރަށަށެވެ

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ގައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށް ދުނިޔޭގެ ފެންވަރުގައި ވަނީ ފާހަގަކޮށްފަ އެވެ.