އިންޑިއާގައި އިއްޔެ ފާހަގަކުރި ފިތުރު އީދުގެ މުނާސަބަތުގައި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަަމަށްވާ ސަލްމާން ޚާންއާއި އާމިރު ޚާން އެކުގައި ފެންނަ ފޮޓޯއެއް ހިއްސާކޮށްފި އެވެ.

ސަލްމާން ޚާންގެ އިންސްޓަގުރާމްގައި ހިއްސާކުރި އެ ފޮޓޯގައި ފެންނަނީ ސަލްމާނާއި އާމިރު ކޮޓަރިއެއްގައި ފޮޓޯއަކަށް ހުއްޓިގެން ހުންނަ މަންޒަރެވެ.

ސަލްމާން ކަޅު ކުލައިގެ ކުރުތާއަކާއި އެއާގުޅޭ ތިރިއެއް ލައިގެން ހުރި އިރު އާމިރު ފެންނަނީ ނޫކަލައިގެ ޓީޝާޓަކާއި ޑެނިމް ނޫ ޖިންސެއްގަ އެވެ.

މިފޮޓޯއާއެކު ސަލްމާން ވަނީ އީދުގެ ތަހުނިޔާ ކިޔާފަ އެވެ. އެ ފޮޓޯއަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުން އަންނައިރު މި ފޮޓޯގެ ސަބަބުން އެ ދެތަރިން އެކުގައި ފެނިގެންދިޔަ "އަންދާޒް އަޕްނާ އަޕްނާ"ގެ ހަނދާން އާވާ ކަމަށް ވެސް މީހުން ފާހަގަ ކުރެ އެވެ.

1994 ވަނަ އަހަރު ނުކުތް "އަންދާޒް އަޕްނާ އަޕްނާ"ގައި ޕްރޭމްގެ ރޯލުން ސަލްމާން ފެނިގެން ދިޔައިރު އާމިރު ކުޅެފައިވަނީ އަމަރްގެ ރޯލެވެ. އެ ފިލްމަކީ އެ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ބެލެވުނު އެއް ފިލްމެވެ.