ފުވައްމުލައް ސިޓީގައި މިއަދު ފެން ކުލަ ޖަހަން އުޅުނު ބައެއް ކައިރިން ސަލާމަތްވާން އުޅެނިކޮށް، ސައިކަލުން ވެއްޓި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގީ ނައިބުތުއްތު ހިނގުމުގައި ފެންކުލަ ޖަހަން ތިބި ގުރޫޕަކުން، އެ މަގުން ދުއްވާފައި ދިޔަ އަންހެނަކު ހުއްޓުވައި އޭނާގެ ގައިގާ ކުލަ ހޭކިފަހުން ކަމަށެވެ.

"ކުލަ ހާކާ ނިމުމުން އެ އަންހެން މީހާ ސައިކަލުގައި އެތަނުން ނައްޓާލީ. އެ ގަޑީގައި އޭނާގެ ކުރިމައްޗަށް އެރީ ދަނޑުގައި ކުޅެން ތިބި ކުޑަކުދިންތަކެއް. އެ ވަގުތު އޭނާއަށް ރޭހާއި ބުރަކިއަށް ދޭއްޗަށް ހިފާލެވުނީ،"

އޭނާ ކިޔައިދިންގޮތުގައި އެ އަންހެން މީހާގެ ކުރިމައްޗަށް ދަނޑުގައި ކުޅެންތިބި ކުދިން އެރުމުން ޕެނިކް އެޓޭކެއްޖެހި އެކްސިޑެންޓްވީ ކަމަށެވެ.

"އެ އަންހެން މީހާގެ ނޭފަތުން ލޭ ވެސް އައި،" އޭނާ ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ހަވީރު 5:48 ހާއިރު ކަމަށާއި އަނިޔާވީ 20 އަހަރުގެ އަންހެނަކަށް ކަމަށެވެ.

އެ ހާދިސާގައި ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ހާލު ސީރިއަސްވެ އެ އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ގަނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.