ބޮލީވުޑްގެ މަޝްހޫރު ޖޯޑު، އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ "ޑްރީމް ހޯމް" އަށް މިއަހަރުގެ ޑިސެމްބަރު މަހު ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ އާއި ރަންބީރްގެ "ޑްރީމް ހޯމް" އަށް މިއަހަރު ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީގައި ބަދަލުވާނެ ކަމަށެވެ.

މިހާރު ކުރަމުން އަންނަނީ އިންޓީރިއާގެ މަސައްކަތްތަކާއި ބަންގްލޯގެ އެތެރޭގެ މަސައްކަތް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ރަންބީރާއި އާލިއާ ދޭތެރެ ދޭތެރެއިން ކޮންސްޓްރަކްޝަން ސައިޓަށް ގޮސް އެ ގޭގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާތަން ފެންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން ރަންބީރުގެ މަންމަ ނީތޫ އާއި އާލިއާގެ އިންސްޕެކްޝަން ރައުންޑްތައްވެސް ވަނީ އިތުރުވެފަ އެވެ.

ރިޝީ ކަޕޫރާއި ނީތޫ ކަޕޫރު 1980 ވަނަ އަހަރު ގަތް މި ބަންގްލޯ ތަޅާލީ އުސް އިމާރާތެއް ހެދުމަށެވެ. އެއީ ރިޝީ ކަޕޫރުގެ މައިންބަފައިންގެ ނަމުގެ ނަން ދީފައިވާ ބަގުލޯއެކެވެ. ނަމަކީ ކްރިޝްނާރާޖް އެވެ.

ރަންބީރާއި އާލިއާ އާއި އަންހެން ދަރިފުޅު ރަހާ އަދި ނީތޫ ހިމެނޭ ކަޕޫރު އާއިލާ ވަރަށް އަވަހަށް އެ މީހުންގެ ޑްރީމް ގެއަށް ބަދަލުވާނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ސްވިމިން ޕޫލަކާއި އޮފީސް ފްލޯއެއް ހުންނާނެ އެވެ. އެގޭގައި 15 ފަންގިފިލާ ހުންއިރުގައި އެއް ފަންގިފިލާ ހުންނާނީ ރިދީމާއަށް ހާއްސަ ކޮށްފައި ކަމަށްވެއެވެ. އެއީ އޭނާ އެމީހުން ކާރިއަށް ޒިއާރަތް ކުރާ އިރުގައި މަޑުކޮށްލުމަށް ޓަކައެވެ.

ރަންބީރު ކަޕޫރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަޝްމިކާ މަންދާނާއެކު ފިލްމު "އެނިމަލް" އެވެ. އަނެއް ކޮޅުން އާލިއާ މިހާރު އަންނަނީ "ރޯކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" މަސައްކަތް ކުރަމުންނެވެ.