ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުރެގެން ޑިޖިޓަލް ލައިސަންސްގެ ހިދުމަތް ހޯދޭނެ އިންތިޒާމު ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން ބުނީ ސިމްސް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 25000 އެޕްލިކޭޝަނަށް ހިދުމަތް ދީފައިވާ ކަމަށެވެ. އަދި މި ޕޯޓަލްއިން އަތޮޅުތަކުގައި "އޭ" ޒޯން ލައިސަންސް ދިނުމަށް ކަނޑައަޅާފައިވާ ހުރިހާ ކައުންސިލްތަކުން ވެސް މި ހިދުމަތް ދޭން ފަށާފައިވާ ކަން ޓްރާންސްޕޯޓް މިނިސްޓްރީން ފާހަގަކުރެ އެވެ.

އެ މިނިސްޓްރީން ބުނީ މި ޕޯޓަލްއަކީ އަލަށް ތައާރަފް ކުރި ޕޯޓަލެއް ކަމަށްވާތީ ބައެއް ހާލަތްތަކުގައި އެކިއެކި ދަތިތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ދިމާވާ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ކުރަމުންދާކަމަށާއި މި ފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެ މިނިސްޓްރީއަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައި ދިނުމުގެ މަގުފަހިކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް ތައާރަފްކުރި "ސިމްސް" ޕޯޓަލަކީ ކޮންމެ މީހަކަށް ވެސް އެ އެ މީހެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.

ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވެސް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ޚިދުމަތް ލިބޭނެ އެވެ. ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާސްއަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ޚިދުމަތަކީ މިހާރު ރައްޔިތުން ބަލައިގަނެފައިވާ ފަސޭހަ އަދި ރައްކާތެރި ޚިދުމަތަކަށްވުމާއެކު މި ޚިދުމަތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ޑިޖިޓަލް ލައިސަންސް ލިބޭ ގޮތަށް ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.