ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި އިޓްލޮސް އިން މިއަދު ނިންމާފައިވާ ޗާގޯސް "ދިވެހިންނަށް ގެއްލުމުން" އެންމެ ދެރަވަނީ މި ވަގުތު އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވުމުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަދުރޭ ވިދާޅުވީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު، ރާއްޖެއަށް ޗާގޯސް ގެއްލުމަކީ މި ސަރުކާރުން ދިވެހިންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ކުރަންޖެހިފައިވާ އަނެއް ހިތާމައަކީ ޗާގޯސް މައްސަލައިގެ ވާހަކަ ދައްކާއިރު، އެ ޕާޓީގެ ލީޑަރު ޖަލުގައި އޮންނެވުން ކަމަށެވެ.

ޔާމީން ޖަލުން މިނިވަންވެ އިންތިހާބު ކާމިޔާބު ކުރައްވައި ޗާގޯސް ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަދުރޭ ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ޕީޕީއެމްގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބަސް ވިދާޅުވެފަ އެވެ.

ސަރުކާރުން މޮރިޝަސްއާ އެކު ސިއްރު ޑީލެއް ހެދި ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

"އެމްޑީޕީގެ މެމްބަރުން ބުނަނީ، އަޅުގަނޑުމެންނެއް ނޫން، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ އިއްޒަތްތެރި މެމްބަރުން ވިދާޅުވަނީ 500 މިލިއަން ޑޮލަރަށޭ، މި ޑީލް ހަދައިގެން މި އުޅެނީ،" އަދުރޭ ވިދާޅުވި އެވެ.