ޒީނަތްތެރިވުމުގައި ކޮންމެ މީހަކަށް ވެސް އިސްކަން ދެވެނީ މޫނާއި އިސްތަށިގަނޑު ޗާލުކޮށް ބެހެއްޓުމަށެވެ. މިކަމުގައި އެހެން ގުނަވަންތަކަށް އިހުމާލުވެވެ އެވެ. ފައިތިލައާއި ފުންނާބަކީ އެގޮތުން އެންމެ ގިނައިން އިހުމާލުވެވޭ އެއް ތަނެވެ.

ފުންނާބު ކުރަކިވެ، ފަޅަައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެެކެެވެ. ތިރީގައި މި ހިއްސާ ކޮށްލަނީ ފައިތިލަ އާއި ފުންނާބު ރީތިކޮށް، ބަލަހައްޓާން އަމިއްލައަށް ގޭގައި ދެވިދާނެ ފަރުވާއެކެވެ.

ބޭނުންވާ ތަކެތި

  • ޝަވަރ ޖެލް
  • 5 މޭޒުމަތީ ސަމުސާ ބޭކިން ސޯޑާ
  • ތެޔޮ ފޮދެއް (ލެވެންޑަރ، އޮރެންޖް، އާމަންޑް ފްލޭވާ)

ތައްޔާރު ކުރާނެ ގޮތް

  1. ފައިތިލަ ހޫނު (ތާފަނާ) ފެނަށް ލައިގެން ފަސް މިނިޓު އިންނާށެވެ. ބޮޑަށް ރަނގަޅީ އާވިން ހޫނުކުރުމެވެ.
  2. ޝަވަރ ޖެލްގެ ތެރެއަށް ތެޔޮ ފޮދާއި، ބޭކިން ސޯޑާއަޅައިގެން ޕޭސްޓަށް ވަންދެން އެއްކުރާށެވެ. ފައިތިލައިގައި ޕޭސްޓު އުނގުޅަމުން މަޑުމަޑުން މަސާޖުކުރާށެވެ.
  3. ފުންނާބު މާބޮޑަށް ކުރަކި ކަމުގައިވާނަމަ ބުރުހަކުން އުނގުޅާށެވެ.
  4. ރަނގަޅަށް މަސާޖު ކުރުމަށްފަހު އިރުކޮޅަކުން ފައި ދޮންނާށެވެ. އަދި މޮއިސްޗަރައިޒިންގް ކްރީމެއް އުނގުޅާށެވެ.

ބޭކިންގ ސޯޑާއަކީ ކުރަކިވެފައި ހުންނަ ފައިތިލައިގެ ހަމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ. އަދި ފައިން ނުބައިވަސް ދުވުމަށް ވެސް ރަނގަޅު ފަރުވާ އެކެވެ.

މަތީގައިވާ ގެވެށި ފަރުވާ ކޮންމެ ދުވަަހަކު ގަވާއިދުން ކުރާނަމަ ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި އޭގެ ހެޔޮ ނަތީޖާ ފެންނާނެ އެވެ.