1903 ވަނަ އަހަރު ތަޢާރަފް ކުރި ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ގިނަ ދުވަސްވީ މުބާރާތް "ސްޕެނިޝް ކޮޕަ ޑެލްރޭ"ގެ މި ސީޒަންގެ ފައިނަލް މެޗު މެއި ހަތެއް ވާ އާދީއްތަ ދުވެހު ކުޅޭނެ އެވެ. ދަންވަރު އެކެއް ޖަހާއިރު ފަށާ މި މެޗު މީޑިއާނެޓުން ޓީވީ އަދި ފޯން އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗުވެސް ވަނީ މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. މިއަހަރުގެ ފޯރިގަދަ ފައިނަލް މެޗުގައި ވާދަކުރާނީ ސްޕެނިޝް ފުޓުބޯޅައިގެ ރަސްގެފާނު ރިއާލް މެޑްރިޑް އަދި ތާރީޚުގައި ދެވަނަ ފަހަރަށް މި މުބާރާތުގައި ވާދަ ކުރާ ކްލަބް އޮސަސޫނާ އެވެ.

ރިއާލް މެޑްރިޑް

ސްޕެނިޝް ފުޓުބޯޅައިގެ ދެވަނައެއް ނެތް ގަދަބާރު ރިއާލް މެޑްރިޑް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ވާދަވެރި ބާސެލޯނާ އާއި ދެ ލެގު ކުޅެ ކުރި ހޯދައިގެންނެވެ. އެލް ކްލެސިކޯގެ ނަމުން މަޝްހޫރު މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އެވެ. ނަމަވެސް ސެމީ ފައިނަލް ދެވަނަ ލެގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި އެ ޓީމު ކޮޅަށް 4 ލަނޑު ޖަހާ ރިއާލް މެޑްރިޑުން ވަނީ ބާސެލޯނާގެ މައްޗައް އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން ކުރި ހޯދާ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ރިއާލް މެޑްރިޑުން މި މެޗާ ކުރިމަތި ލާނީ 20 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ. މިވަގުތު ޗެމްޕިއަންސް ލީގުގެ ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ރިއާލް މެޑްރިޑް އަންނަނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބްރެޒިލްގެ ފޯވަޑް ވިނީޝިއަސް ޖޫނިއަރ އަދި ފްރާންސްގެ ގޯލާއި ރައްޓެހި ފޯވަޑް ކަރީމް ބެންޒީމާގެ ކުޅުން ފާހަގަކޮށްލެވެ އެވެ.

އޮސަސޫނާ

އޮސަސޫނާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގިނަ ބަޔަކު ސިއްސުވާލުމަށްފަހު އެވެ. ކުއާޓަރ ފައިނަލް އަދި ސެމީ ފައިނަލުގައިވެސް އޮސަސޫނާ ކުޅެން ޖެހުނީ ސްޕެއިން ފުޓުބޯޅައިގެ ވަރުގަދަ ޓީމުތަކާ އެވެ. ކުއާޓަރ ފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ސެމީ ފައިނަލުގައި ވާދަ ކުރަންޖެހުނީ މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމު އެތްލެޓިކް ކްލަބާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އޮސަސޫނާއިން ވަނީ އަމިއްލަ ދަނޑުގައި އެތްލެޓިކް ކްލަބް އަތުން 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. ދެވަނަ މެޗު 1-1 އިން އެއްވަރު ވުމުން އެގްރިގޭޓުން 2-1 ނަތީޖާއަކުން ކުރި ހޯދާ އޮސަސޫނާއިން ވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މީގެ ކުރިން އޮސަސޫނާ މި މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ހަމައެކަނި 2005 ވަނަ އަހަރު އެވެ. އެ އަހަރު އެޓީމަށް ފައިނަލުގައި ބަލިވެ ލިބުނީ ދެވަނަ އެވެ. އެހެން ކަމުން މިއަހަރުގެ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ޓީމުގެ ކުޅުންތެރިން ނިކުންނާނީ ވަރުގަދަ ޖޯޝަކާއި އަޒުމެއްގައިކަން ޔަގީނެވެ. އަދި ޓީމުގެ ސަޕޯޓަރުންވެސް އަންނަނީ މި މެޗަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ރިއާލް މެޑްރިޑް އަދި އޮސަސޫނާ ބައްދަލުކުރާ މި ފައިނަލް މެޗު ޚާއްސަވާ އެހެން ސަބަބެއްވެސް އެބަ އޮތެވެ. ފާއިތުވި އަހަރު ގަތަރުގައި ކުޅެވުނު ވޯރލްޑް ކަޕުގައި ބޭނުންކުރެވުނު ސެމީ-އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ފުރަތަމަ ފަހަރަށް ސްޕެއިންގެ ފުޓުބޯޅަ މެޗެއްގައި ބޭނުންކުރާނެ އެވެ. މި ޓެކްނޮލޮޖީގެ އެހީގައި މެޗުގެ ވީޑިއޯ އޮފިޝަލުންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަސޭހަކަމާއެކު ކުޅުންތެރިން އޮފްސައިޑުތޯ ނުވަތަ އޮފްސައިޑް ނޫންތޯ ޔަގީންކޮށްލެވޭނެ އެވެ.

މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅެވޭ ފުޓުބޯޅާއިގެ އެންމެ ފޯރިގަދަ މުބާރާތްތަކުގެ މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީނުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބެލޭނެ އެވެ.