ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު މިންވަރު ބަލައި "ރިޕޯޓާސް ވިތައުޓް ބޯޑާސް"އިން ކޮންމެ އަހަރަކު އާންމު ކުރަމުން ދާ "ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ރާއްޖެ 13 ދަރަޒަ ދަށަށް ވެއްޓިއްޖެ އެވެ.

މި ލިސްޓްގައި މިދިޔަ އަހަރު ރާއްޖެ އޮތީ 87 ވަނައިގަ އެވެ. ނަމަވެސް މިއަހަރު ރާއްޖެ އޮތީ ލިސްޓްގެ 100 ވަނައިގަ އެވެ. މިއީ ޖުމްލަ 180 ގައުމު ހިމެނޭ މި ލިސްޓަށް ގައުމުތައް ދަރަޖަ ކުރިއިރު ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެ ދަށަށް ދިޔަ ދެ ވަނަ ފަހަރެވެ.

"ރިޕޯޓާސް ވިތައުޓް ބޯޑާސް" އިން އާއްމުކޮށްފައިވާ މިރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެފައިވާ ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މަސްދަރު ހާމަކުރުން މަޖުބޫރުކޮށް މަޖިލީހުން ފާސްކުރި ހެއްކާބެހޭ ބިލާ އެކު ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮންނާތީ އެ ރިޕޯޓްގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގެ ނޫސްތަކަށް އިޝްތިހާރު ދިނުމުގައި އަމަލުކުރާ ގޮތަށްވެސް އެރިޕޯޓްގައި ވަނީ ފާޑުކިޔާފަ އެވެ.

ނޫސްވެރިންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކާއި ނޫސްވެރިންނަށް ދޭ ހަމަލާތަކުގައި އެކަށީގެންވާ ގޮތަކަށް ފިޔަވަޅު އެޅެމުން ނުދާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.