ދ. މީދޫ އަށް 30 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް ރާޅެއް އަރާ ގެއްލުނު ލޯންޗް ހޯދައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗް މިހާރު ދ. މީދޫއަށް ގެންގޮސްފައިވާ ކަމަށެވެ. މި ލޯންޗް މިއަދު ހަވީރުގެ ވަގުތުގައި ގެއްލުނީ ފ. މަގޫދޫއާއި ދިމާލުން އެ އަތޮޅަށް ވަންނަން ދަތުރުކުރަނިކޮށް ފ. ފީއަލީއާ ހަތް ނޯޓިކަލް މޭލު ބޭރުންނެވެ.

ލޯންޗް ހޯދައި އެމްއެންޑީއެފްގެ ހާބަ ކްރާފްޓް އުޅަނދުގެ އެހީތެރިކަމާއެކު މިރޭ އިރުއޮއްސުނު ވަގުތު އެ ލޯންޗް ވަނީ ދ. މީދޫއަށް ގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗްގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިލޯންޗްގައި އަންހެނުންނާއި ކުޑަކުދިންވެސް ދަތުރު ކުރި އެވެ،

ރާއްޖެއަށް ހުޅަނގު މޫސުން ފެށި މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.