ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ހަމްބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާންމުންނަށް ވިއްކަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ އެކަން ރިޕޯޓްކުރަން ފުލުހުން އެދިއްޖެ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ހަމްބޯ ކުންފުންޏާއި އާބަންކޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ހަމްބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓްތައް އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ހިޔާނަތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ މަޝްރޫއުގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓް ހިއްސާ އޮންނަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓް ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.
ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގަ އެވެ.
ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ.
އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުންތަކަށެވެ.
ކޭ- ޕާކް ނިންމައި، ކަސްޓަމަރުންނަށް ތަން ހަވާލުކުރުމަށް މިހާތަނަށް އެކި ފަހަރު އެކި ތާރީހުތައް ދީފައިވެ އެވެ.