ބާލިން (12 މެއި ) - މަސީޑީސް- ބެންޒް ފެކްޓްރީގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި ބަޔަކު ޒަޚަމްވެ، ދެ މީހަކު މަރުވެއްޖެ އެވެ.

މި ހަމާލާތައް ހިނގީ ޖަރުމަނުގެ ޒިންޑަލްފިންގްގައި ހުންނަ ފެކްޓަރީ 56 ގަ އެވެ. އެ ފެކްޓަރީއަކީ މަސީޑީސް- ބެންޒް ސީ ކްލާސް ކާރުތައް އެސެމްބްލް ކުރާ ފެކްޓަރީ އެކެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފުލުހުންގެ ޓުވިޓާ އެކައުންޓުގައި އާންމުކުރި ބަޔާނެއްގައި ފުރަތަމަ ބުނީ ފެކްޓަރީގައި ފުލުހުންގެ އޮޕަރޭޝަނެއް ހިނގަމުންދާ ކަމަށެވެ. އަދި ހަމަ އެ ސްޓޭޓްމެންޓްގައި ފުލުހުން ހާމަކުރިގޮތުގައި ބަޑީގެ ހަމަލާގައި އެކަކު މަރުވެ، ސީރިއަސް ޒަކަމްތަކަކާއެކު އެހެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައިވެ އެވެ. މި ހާދިސާ އާ ގުޅިގެން ފުލުހުން ވަނީ 56 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓަރުންނާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ބަޑިޖެހުމުގެ މި ހާދިސާއަކީ ފެކްޓްރީގެ އޮޕަރޭޝަންތަކާ ގުޅުމެއް ނެތް ބޭރުން އައި ބަޔެއްގެ މެދުގައި ހިނގި ހާދިސާއެކެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށްފަހު ފަހުން ބުނެފައިވާގޮތުގައި ފެކްޓަރީގެ މުވައްޒަފުންގެ ސަލާމަތަށް މިހާރަކު އިތުރު ނުރައްކަލެއްނެތެވެ.

ބަޑީގެ ހަމަލާތައް ހިނގި މަސީޑީސް ފެކްޓަރީގައި ގާތްގަނޑަކަށް 35،000 މީހުން މަސައްކަތް ކުރެ އެވެ. މަސީޑީސްގެ އޮފީހުން މި ހާދިސާ ހިނގިކަން ޔަގީންކޮށް ދިނުން ފިޔަވައި އިތުރު މައުލޫމާތެއް ނުދެ އެވެ.

ހުޅަނގު ޖަރުމަނުގެ ޓެކްނޮލޮޖީ ފާމެއް ކަމަށްވާ 3އެމްގެ ފެކްޓަރީއެއްގައި 2012 ވަނަ އަހަރު ހިނގި ބަޑީގެ މިފަދަ ހާދިސާއެއްގައި ވެސް ހަތަރު މީހުން ޒަޚަމްވެ އެކަކު މަރުވި އެވެ. -- ޑެއިލީ މެއިލް