ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު (އުދަރެސް ލަތީފް) އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރައްވައިފި އެވެ.
އެއްވެސް އެންގުމަކާ ނުލައި ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވިކަން ބައެއް ނޫސްތަކަށް ކަށަވަރުކޮށްދެއްވަމުން ލަތީފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރިކަން އަންގާފައި ވަނީ އިއްޔެ ރައީސް އޮފީހުން ފޮނުވި ސިޓީއަކުން ކަމަށެވެ. އަދި އެ ސިޓީގައި ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ސިޔާސީ މަގާމުތައް މަދުކުރެއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށާއި، ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރުން ފިޔަވައި އިތުރު ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާއަކީ މަސްއޫލިއްޔަތު އިހްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ލަތީފް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ޕްރޮމޯޓުކުރުމުގައި އަމަލީ ގޮތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީގެ ކުރިން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި ލަތީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު، ލަތީފް މަގާމުން ވަކިކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ވެސް ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ވަރަށް ބޮޑަށް ވިސްނެވުމަށްފަހު އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ފައިރޫޝް ސޯޝަލް މީޑިއާގައި ވިދާޅުވީ، މިއީ އާންމު ހިދުމަތުގެ މި ބާބު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މުންޑޫގައި މީހަކު މަރާލި މީހާއަށް ހައިކޯޓުން ވެސް މަރުގެ އަދަބު
ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މަސައްކަތް ހަލުވިވާނެ