ހިލަވެލި ބަރުކޮށްގެން، އިއްޔެ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަނިކޮށް ގެއްލުނު ދޯނީގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ޖަންބޯ" ނަމަކަށް ކިޔާ އެ ދޯނިން ދަތުރުކުރި ދެ މީހުން ކަނޑުވެފައި ތިއްބާ ފެނުނީ ދަތުރުކުރަމުންދިޔަ ލޯންޗަކަށް ކަމަށެވެ.

އެ ދޯނި ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ރޭގެ 23:43 ހާއިރު އެމްއެންޑީއެފް އިން ވަނީ މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފެނުނު އިރު ދެ މީހުންގެ ހާލުވެސް ރަނގަޅެވެ.

އެންމެ ފުރަތަމަ ދޯނި ހޯދަން ފެށީ މާލެއިން ފުރައިގެން ގޮސް ކ. ގާފަރުގައި މަޑުކުރުމަށް ފަހު، އިއްޔެ ހެނދުނު 10:40 ހާއިރު ގާފަރުން ފުރައިގެން ބ. ދަރަވަންދުއަށް ދަތުރުކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން ކަމަށް އެމްއެންްޑީއެފްއިން ރޭ ބުންޏެވެ.

އެ ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ އިއްޔެ ހެނދުނު 11:35 ހާއިރުއެވެ. އަދި ދޯނިގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 18:03 ހާއިރު އެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުން ފެށި، މޫސުން ގޯސް ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.