ދުވަހުގެ ބުރަ ތާވަލާ އެކުވެސް މެންދުރުފަހުގެ ވަގުތުކޮޅެއް ނިދާލުމަށް ނުވަތަ "ނެޕް"އެއް ނެގުމަށް ހުސް ކޮށްލުމަކީ އަހަރުމެންގެ ތެރެއިން ގިނަ މީހުންގެ އާދަ އެކެވެ.

އެފަދަ މީހުން ބުނާގޮތުގައި މެންދުރުފަހު ކުޑަކޮށް ނިދާލުމުން މޫޑު ރަނގަޅުވެ މީހާ ތާޒާކޮށް ދިނުމުގެ އިތުރުން ކުރަން ހުންނަ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރުމަށް އެހީވެދެ އެވެ. އެވެ.

އެހެންނަމަވެސް މިކަމުގެ ސިއްހީ ރައުޔާ މެދު ގިނަ ސައިންސްވެރިންގެ މެދުގައި ތަފާތު ހިޔާލުތައް ވަނީ އުފެދިފަ އެވެ. މެންދުރު ކެއުމުގެ ފަހުން ނިިދާލުމަކީ ފައިދާތައް ލިބޭ ކަމެއް ކަމަށް ގިނަ ސައިންސްވެރިން އިއްތފާގުވެ އެވެ.

ގްރީސްގެ މެޑިސިން ކިޔަވާ ދަރިވަރުންތަކެއް ހެދި ދިރާސާއަކުން ދައްކާގޮތުގައި މެންދުރު ފަހުން ގާތްގަނޑަކަށް 45 މިނެޓް ވަރަށް ނިދުމުން ލޭގެ ޕްރެޝަރު ދަށްކޮށްދެ އެވެ.

ލޭގެ ޕްރެޝަރު މަތިކޮށް ތިބޭ މީހުން ބޭސް ކެއުމުން ޕްރެޝަރު ހަމައަކަށް އެޅޭ ފަދައިން މެންދުރުފަހު ނިދުމުން އެ މީހުންގެ ޕްރެޝަރު އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީވެދޭ ކަމަށް މި ދިރާސާއިން ދައްކައެވެ.

ލޭ މައްޗަށް ދިއުމަކީ މައްސަލައަކީ ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައިވާ ބައްޔެކެވެ. އެބައްޔަށް ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރާ މީހުންވެސް މަދެއް ނޫނެވެ. ގިނަ ފަހަރު ލޭގެ ޕްރެޝަރު މަތިކަން ބަލިމީހާއަށް އެނގެނީ ވެސް އެކަމުގެ ވޭނުގައި އުޅޭތާ ދުވަސްތަކަކަށް ފަހުގައެވެ.

ދިރާސާކުރި ދަރިވަރުންގެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ދިރިއުޅުމުގެ ވައްޓަފާޅި އެއްގޮތަކަށް ހުންނަ 200 މީހުންގެ ލޭގެ ޕްރެޝަރު މެންދުރު ފަހު ނިދުމުގެ ކުރިންނާއި އޭގެ ފަހުން އަޅާކިޔާއިރު 45 މިނެޓު ނިދާލުމަށްފަހު ތެދުވުމުން ލޭގެ ޕްރެޝަރު މާ ބޮޑަށް ދަށްވެފައިވެ އެވެ.

އެހެން ކަމުން މެންދުރުފަހުގެ ގަޑިއެއްގައި ކިތަންމެ ކުޑަ ގޮތަކަށް ނަމަވެސް ހަށިގަނޑަށާއި ލޮލަށް އަރާމެއް ލިބޭނެ ގޮތަކަށް ނިދާލެވޭތޯ ބެލުން މުހިއްމުކަމަށް މި ދިރާސާގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފައެވެ.