އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކޮންފަރެންސް ކުރިޔަށް ދަނީ، މި މޭ މަހުގެ 12އިން 13އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ.

މިކޮންފަރެންސްގެ ޝިއާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ، "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ސުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މިޝިއާރެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި މިފަހަރުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިސްލާހީ ބަދަލުތައް އިހްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާއީ އަދި އިގްތިސާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސް ސޯލިހުގެ ސަރުކާރުން ވިސްނަވާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާ، އިންސާނީ ވަގުފާރިއާ، ގާނޫނާއި ހިލާފަށް ކުރާ ހިޖުރައާ، މަސްތުވާތަކެތީގެ ވިޔަފާރިއާ، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާ، ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެކަމުގައި ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ސަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވި އެވެ.

އެހެންކަމުން އިންޑިއާ ކަނޑުގެ ސުލްޙަ މަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަގްވާމީ ގާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފަ އެވެ.