ޝާހްރުކް ޚާންއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. ދިއްލީގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޝާހު ވަނީ އެކި ފަހަރު މަތިން އޭނާގެ އާއިލާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އުމުރުން 25 އަހަރު ވަންދެން އޭނާއަށް ކާންދިނީ ޚުދު އޭނާގެ މަންމަގެ އަތުން ކަމަށާއި އަމިއްލަ އަތުން ކާން ނޭނގޭ ކަމަށް ޝާހުރުކް މީގެ ކުރިން ވަނީ ބުނެފަ އެވެ،

މަންމައިންގެ ދުވަހާ ގުޅިގެން ޝާހުގެ އެ އިންޓަވިއުގެ ވާހަކަ އަލުން މީޑިއާގައި ދައުރުވާން ފަށާފައިވާއިރު އެ ވާހަކައަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

އޭނާގެ ޅަފަތުގެ ދުވަސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނީ ކުޑައިރު އަބަދުވެސް ބޮޑު މީހަކަށް ވާން ބޭނުންވި ކަމަށާއި އެހެން ނަމަވެސް މިހާރު ބޮޑުވުމުން އެދުވަސްތައް މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

ޝާހް އިތުރަށް ބުނީ އޭނާގެ ބައްޕައަކީ ކެއްކުމަށް ލޯބިކުރި ފަރާތެއް ކަމަށާއި މަންމަ ހަދާ މަޓަން ބިރިޔާންޏަކީ މިއަދާ ހަމައަށް ވެސް އޭނާ ކެއި އެންމެ މީރު ބިރިޔާނީ ކަމަށެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ ބްލޮކްބަސްޓާ ފިލްމު ޕަތާން އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ޖަވާން" އެވެ.