ދުނިޔޭގެ ރީތީގެ ރާނީ އަދި މަޝްހޫރު ފިލްމީތަރި އައިޝްވަރިޔާ ރާއީ އާއި އަބީޝޭކް ބައްޗަން ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ދެމީހުންގެ ކައިވެންޏަށް މިހާރު ވަނީ ލޯބި ލޯބި އަންހެން ދަރިޔަކު ވެސް ލިބިފަ އެވެ. އުމުރުން 8 އަހަރުގެ އަރާދްޔާ ދޭތެރެ ދޭތެރެއިން މަންމައާއި ބައްފާއި އެކު ރެޑް ކާޕެޓް ހަފްލާތަކުން ފެނިގެންދެ އެވެ.

އައިޝްވަރިޔާއާއި އަބީޝޭކް ބައްޗަންގެ ކައިވެނި ކުރެވިފައިވަނީ ވަރަށް ކުލަގަދަކޮށެވެ. މީޑިއާގެ ލޯތަކުން ސަލާމަތްވެގެން ޕްރައިވެޓްކޮށް ކައިވެނީގެ ހަފްލާ ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފަ އެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މިއީ ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑުތަކުގެ ތެރޭގައި ހިމެނޭ އެއް ޖޯޑެވެ.

އައިޝްވަރިޔާ އާއި އަބީޝޭކްގެ ކައިވެނީގެ ހަފްލާގެ ތެރެއިން

މި ކައިވެނީގެ ހަފްލާގައި އެންމެ ބޮޑަށް މީހުންގެ ލޮލުގައި އަޅައިގަތީ އައިޝްވަރްޔާ ހެދުން އަޅާފައި ހުރި ގޮތަށެވެ. 75 ލައްކަ ރުޕީސްގެ އަގުހުރި އެ ސާރި އަޅައިގެން ހުރި އިރު އައިޝްވަރިޔާ ފެނިގެން ދިޔަނީ ވަރަށް ހުވަފެނީ އަދި އެހާމެ ޝާހީ ގޮތަކަށެވެ. އެ ސާރީ ފަރުމާކުރުމުގައި އަސްލު ރަނުން ހަދާފައިހުރި ރޮދި ބޭނުންކުރި އިރު އެތައް ހާސް ސްވަރޯސްކީ ޑައިމަންޑް ވެސް ބޭނުންކޮށްފައިވެ އެވެ. މީގެ އިތުރުން އައިޝްވަރިޔާގެ ކައިވެނީގެ އަނގޮޓިއަށް ވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފަ އެވެ. އެ އަނގޮޓީގެ އަގަކީ 50 ލައްކަ އިންޑިއާ ރުޕީސް އެވެ.