އަހަރުމެންގެ ތެރޭގައި މޫނުގެ ހަންގަނޑަށް ސަމާލުވެ މޫނު ރަނގަޅު ގޮތުގައި ބެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ނަން ވެފައި ވަނީ އަންހެނުންނެވެ. އެހެން ނަމަވެސް އަންހެނުންނާ އެއްވަރަށް ފިރިހެނުންނަކީ ވެސް މޫނުގެ ހަންގަނޑަށް ސަމާލުވާން ޖެހޭ ބައެކެވެ.
އަންހެނުންނާ އެއްގޮތަށް ފިރިހެނުންގެ ހަންގަނޑުގައިވެސް އުމުރުން ދުވަސްވާވަރަކަށް ރޫޖެހުމާއި ހަންގަނޑު ކުރަކިވެ ހިކުމުގެ އިތުރުން ލޯކަިއިރި ކަޅުވެ ރޫޖެހެ އެވެ. މިކަންކަމަކީ ވަގުތު އޮއްވާ ހައްލު ނުހޯދައިފިނަމަ ފަހުން ހައްލުކުރަން އުނދަގޫވާނެ ކަންކަމެވެ.
އެހެން ކަމުން ވަގުތު ފާއިތުވުމުގެ ކުރިން ފިރިހެނުން ވެސް މޫނުގެ ހަންގަނޑު ރައްކާތެރި ކުރަން މަސައްކަތް ކުރަންވީ އެވެ. ނޫންނަމަ ހިތާމަ ކުރަން ޖެހިދާނެ އެވެ.
އެގޮތުން ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ލޯކައިރި ކަޅުވުން ހުއްޓުވުމަށްޓަކައި ކްރީމްއެއް ބޭނުން ކުރުމެވެ. ފިރިހެނުންނަށް ހާއްސަ މިފަދަ އުފެއްދުންތައް ބާޒާރުގައި މިހާރު ލިބެން ހުރެ އެވެ.
ފިރިހެނުންގެ މޫނު އަންހެނުންނުންގެ މޫނަށްވުރެ ތެޔޮކަން އިތުރެވެ. އެހެން ކަމުން މޫނުގެ ތެޔޮކަން ފިލުވުމަށްޓަކައި ފޭޝަލް ޖެލްއެއް ބޭނުން ކުރެވިދާނެ އެވެ.
ސްޓްރެސްއާއި އެހެން ކަންކަމުގެ ސަބަބުން މޫނުގައި ނަގާ ބިހިތަކުން ސަލާމަތްވުމަށް ފިރިހެނުންނަށް ވެސް އޮތް އެންމެ މޮޅު ގޮތަކީ ސްމޫތިން ފޭސް ޕެކްއެއް ބޭނުން ކުރުމެވެ.
ހަންގަނޑަށް އަޅާލުމަކީ ހަމައެކަނި އަންހެނުންނަށް އޮތް ކަމެއް ނޫނެވެ. އެއީ ފިރިހެނުންގެ ތެރޭގައި ވެސް އަށަގަންނުވަންވީ ސަގާފަތެކެވެ.