ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ސަރުކަރުން ދޫކޮށްލިކަމަށް ބުނާ މައްސަލާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ޖުމްހޫރީގެ ޕާޓީ އާއި އެމްއެންޕީގެ ޕީޖީގެ ގުޅިފައިވާ ކޯލިޝަނަކުންނެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަަލަ އަނބުރާ ނެގީ އިތުރަށް ފުރިހަމަ ކުރުމަށެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެމްބަރުން އެ މައްސަލާގައި ސޮއިކުރައްވާފައެއް ނުވެ އެވެ.

ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ސޮއި ކުރެއްވީ 13 މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ ޕީއެންސީގެ މެންބަރުންނާއި އެމްއެންޕީގެ މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުންނެވެ.

ޖުމްހޫރީ ޕާޓީން ސޮއިކުރީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެވެ. އެ މައްސަލާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ސޮއި ކުރައްވާފައި ނުވާކަން ވަނީ އެނގިފަ އެވެ.

ބަންޑާރަ ނައިބު ރިއްފަތު އާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން އަޒުލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ މަސައްކަތް ކުރަމުންވެ.