މިސްރުގެ ތާރީހުގެ މުހިއްމު ހިއްސާއެއް ކަމަށްވާ ކްލިއޮޕެޓްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކުއީން ކްލިއޮޕެޓްރާ ސީރީޒްއަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ.

މި ސީރީޒް މިމަހުގެ 10 ވަނަ ދުވަހު ނެޓްފްލިކްސްގައި ރިލީޒްކޮށް ދައްކަމުން އަންނައިރު ސީރީޒް ބަލާ މީހުންގެ އިންސަންތަ އުޅެނީ 1 ޕަސެންޓްގަ އެވެ.

އެއާއެކު ޓީވީ ޝޯތައް ރިވިއުކުރާ ވެބްސައިޓެއް ކަމަށްވާ ރޮޓަން ޓޮމާޓޯސްގައި ވެސް އެ ސީރީޒްއަށް ލިބިފައިވަނީ ވަރަށް ދަށް ރޭޓިން އެކެވެ. މިއީ ފަހުގެ ތާރީހެއްގައި ޓީވީ ޝޯއަކަށް ލިބުނު އެންމެ ދަށް ރޭޓިން ކަމަށް އެނަލިސްޓުން ބުނެ އެވެ.

ކުއީން ކްލިއޮޕެޓްރާއަކީ މިސްރުގެ ރަނިކަން ކުރި ކްލިއޮޕެޓްރާގެ ރަނިކަމުގައި ހިނގާދިޔަ ހާދިސާތަކާއި އޭނާގެ ޒާތީ ހަޔާތުގެ މައްޗަށް ހަދާފައިވާ ސީރީޒް އެކެވެ.

ސީރީޒް ބެލި މަދު ބަޔަކު އަންނަނީ މިއީ މިފަހުން ސީރީޒްއަކުން ފެނުނު އެންމެ ދަށު ފެންވަރުގެ އެކްޓިން ކަމަށް ވެސް ބުނެ ފާޑު ކިޔާފަ އެވެ.

މީގެ އިތުރުން ވެސް ސީރީޒްގެ ވާހަކައާއި ކްލިއޮޕެޓްރާގެ ވާހަކައާ ދިމާނުވާ ކަމަށާއި ޑޮކިއުމެންޓްރީއެއްގެ ގޮތުގައި އިޝްތިހާރު ކުރިއިރު އެއިން ފެންނަ ހަގީގަތް ވަރަށް މަދު ކަމަށް ވެސް އެމީހުން ބުނެ އެވެ.