ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ 13 މެންބަރުންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް މޭ 16، 2023ގައި ވަނީ އެޓާނީ ޖެނެރަލަށް ފޮނުވިފައި،" ނަޝީދު ވިދާޅުވި އެވެ.

މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް ފަހުން ހާމަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިފްއަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ސޮޔާއި ޕީޕީއެމް އާއި އެމްއެންޕީގެ މަޖިލިސް މެންބަރުންގެ ސޮއިގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާއެކު މިމަހުގެ 11 ވަނަ ދުވަހު އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖޭޕީގެ ލީޑަރު ގާސިމު އިބްރާހީމު ސޮއި ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ މަދުވެގެން 10 މެންބަރުންގެ ސޮޔާ އެކު އެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން އެ މައްސަލައެއް ފާސްވުމުންނެވެ.

ރިފްއަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަންޑާރަނައިބްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަަމައަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކޮށްފަ އެވެ.