ފުޅާ ދާއިރާއެއްގައި ރާވައިގެން ހިންގާ ހިއުމަން ޓްރެފިކިން ނުވަތަ އިންސާނުންގެ ވަގުފާރި ހިންގާ ނެޓްވޯކަކާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެއީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނަކާއި، ތައިލެންޑްގެ 4 އަންހެނުންނެވެ.

ފުލުުހުން ބުނީ މިއޮޕަރޭޝަނަކީ ރާވައިގެން ހިންގާ ކްރިމިނަލް ނެޓްވޯކަކާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ހިންގި މިފަދަ އޮޕަރޭޝަނެއްގައި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް 4 މީހުން ގެންދިޔަ އެވެ. މީގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު ވަނީ ހަށިވިއްކުމާއި ހިއުމަން ޓްރެފިކިން މައްސަލަތަކާ ގުޅިގެން 28 މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް އަނބުރާ ގައުމަށް ފޮނުވާލައިފަ އެވެ.