ސައޫދީ އަރަބިޔާއިން ޖައްވަށް ދާ ފުރަތަމަ އަންހެން އެސްޓްރޮނޭޓް ހިމެނޭހެން ހަތަރު ޕަސިންޖަރުންނާއެކު ސްޕޭސް އެކްސްގެ ފެލްކަން އޭގެ ދެވަނަ ދަތުރަށް އާދީއްތަ ދުވަހުގެ ރޭ ފުރައިފި އެވެ.
އިންޓަނޭޝަނަލް ސްޕޭސް އޭޖެންސީއަށް ދިއުމަށް މިރޮކެޓް ނައްޓާލީ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.
ހަފުތާއެއްހާ ދުވަހު ޖައްވީ ސްޓޭޝަނުގައި ހޭދަކުރުމަށް ކުރާ މިދަތުރުގައި ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ސައޫދީން ޖައްވަށްދާ ފުރަތަމަ ދެ ސައިންޓިސްޓުން ހިމެނެ އެވެ. އެއީ ސްޓެމް ސެލްގެ ދިރާސާކުރާ އަންހެން ސައިންސްވެރިއެއް ކަމަށްވާ ރައްޔާނާ ބަރްވާނީ އާއި ރޯޔަލް ސައޫދީ އެއާފޯސްގެ ފްލައިޓް ޕައިލޮޓް އަލީ އަލް ގަރުނީ އެވެ. ރައްޔާނާއާއި އަލީގެ އިތުރުން އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޖޯން ޝޮފްނާ ވެސް މި ދަތުރުގައި ބައިވެރިވެ އެވެ.
ސްޕޭސް އެކްސްގެ މި ދަތުރުގައި ޕަސިންޖަރުން އަތުން ނަގާ ފީ އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ ކުންފުނިން މީގެ ކުރިން ކުރި މިފަދަ ދަތުރުގައި ކޮންމެ ޕަސެންޖަރެއްގެ އަތުން 55 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.
ނާސާގެ ސްޕޭސް ދަތުރުގެ އަގު ލިސްޓަށް ބަލާއިރު 55 މިލިއަން ޑޮލަރުގެ އިތުރަށް ކެއުމަށާއި ޖައްވުގައި ލާ ހެދުމަށާއި އެ ހެދުން ނައްތާލުން ފަދަ ކަންތަކަށް ބޮޑު ފީއެއް ނަގާނެ އެވެ. އެއީ ނާސާ އިން ދޭ ޚިދުމަތްތަކަށް ދައްކަން ޖެހޭ އިތުރު ފީތަކެކެވެ. އެ ލިސްޓުގައި ޖައްވުގައި ކުރާ ދިރާސާތަކަށާއި ފޮޓޯ ނެގުމަށާއި ފޯނު ކޯލުތަކަށް ވެސް ޗާޖު ކުރެ އެވެ.
ސްޕޭސް އެކްސްގެ ފެލްކަން ހޯމަ ދުވަހު ޖައްވީ ސްޓޭޝަނަށް ފޯރުމަށް ފަހު ގާތްގަނޑަކަށް ހަފުތާއެއްގެ ފަހުން އަނބުރާ ބިމަށް އަންނާނެ އެވެ. ކެޕްސޫލް ޖައްސާ ގޮތަށް ހަމަޖެހިފައި ވަނީ ފްލޮރިޑާގެ ކައިރިން ކަނޑަށެވެ.