މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް ދަނީ ކަމަށް ބުނެ ސަރުކާރަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު މިހެން ވިދާޅުވީ "ސަންގު" އާއި "އަދަދު" ނޫސް ގުޅިގެން ކުރިއަށް ގެންދިޔަ "ޑޮލަރު ސައްލާ" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އެރި އިރުވެސް އަދި ކޮވިޑް-19ގެ ކާރިސާގައި ރާއްޖެއަށް ޑޮލަރު ވަނުން ހުއްޓުނު އިރުވެސް ކަންކަން ދުރާލާ ރާވައި މެނޭޖްކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މީގަ އަޅުގަނޑު ކަންބޮޑުވާކަމަކީ ފަސޭހައިން ދެއްކެން އޮއްވަ ޔޫކްރެއިން ހަނގުރާމައިގައި 150 ޑޮލަރަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އެރި. އެކަމަކު ހަނގުރާމައެކޭ ކިޔާފަ މިހާރަކު ނެތް އެ އުޒުރު ދެއްކޭކަށް ސަރުކާރަކަށް. އެއީ މިހާރު އިރާނު އެމެރިކާ ހަނގުރާމާގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ދިޔައީ 100 އަށް. މިހާރު އެހެރީ 80ގަ. އެހެންވީމަ މީކީ މާބޮޑު ކަންބޮޑުވުމެއްއޮތް ކަމެއް ނޫން،" އަމްރު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ނައިސް ދެ މަހެއްހާ ދުވަސް ވެގެން ދިޔުމުން ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކާރިސާ ފެތުރުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތެލަށް ކްރެޑިޓަށް ފައިސާ ދައްކަން އޮންނަ މުއްދަތު ތިން މަހުން ހަ މަހަށް ދަންމާލި ކަމަށް އަމްރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޔުކްރޭނު ހަނގުރާމައާ ގުޅިގެން ފައިނޭންސިން ފެސިލިޓީ ނުވަ މަސް ދުވަހަށް ދަންމާލި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ރާއްޖެއަށް ޑޮލަރުގެ ތާށިކަން އައިސް ތަކެތީގެ އަގު އުފުލެނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަ ދެކޮޅުނުޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.

އިރާނާއި އެމެރިކާގެ މަޝްރަހާ ގުޅިގެން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުމަށްފަހު މިހާރު އުޅެނީ އަށްޑިހައިގައި ކަމަށް އަމްރު ފާހަގަކުރެއްވި އެވެ. ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ބަދަލުތަކެއް އައި ނަމަވެސް އެ އަގު މާ ގިނަ ދުވަހަކު އެއްވަރެއްގައި ނުހުންނަ ކަމަށާއި ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ބުންޏަސް އަގު ތިރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.