އާއްމުކޮށް ކުތުބްޚާނާއަކުން ފޮތެއް ނަގައިފިނަމަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައްދު ކުރަން ޖެހެ އެވެ. އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި އެ މުއްދަތަށްވުރެ ގިނަވާ ފަހަރުވެސް އާދެ އެވެ.

އެގޮތުން މާ ގިނަ ދުވަސްވަންދެން ރައްދު ނުކޮށް އޮވެއްޖެނަމަ ފޮތް ގެއްލުނީ ކަމަށް ނުވަތަ ހަލާކުވީ ކަމަށް ނިންމައި އެ ނެގި ފަރާތެއް ޖޫރިމަނާ ކުރެވެ އެވެ. އެހެން ނަމަވެސް ފޮތެއް ރަައްދު ނުކޮށް ސަތޭކައެއްހާ އަހަރު އޮވެދާނެ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟

އެހެން ނަމަވެސް އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ކުތުބްޚާނާއަކަށް މިވަނީ އެފަދަ ކަމެއް ދިމާވެފަ އެވެ. މީގެ 96 އަހަރު ކުރިން އެ ކުތުބްޚާނާއިން ދޫކޮށްފައިވާ ފޮތެއް މިދިޔަ ހަފްތާގެ ތެރޭގައި އެތަނަށް ވަނީ އަނބުރާ ލިބިފަ އެވެ.

ބަލާ ބެލުމަށް އެ ފޮތަށް މާބޮޑު ގެއްލުމެއް ލިބިފައިނުވާއިރު ފޮތް ދޫކުރިއިރު ރައްދު ކުރަން ޖެހޭ ދުވަސް ފެންނަ ގޮތަށް ޖަހާފައިވާ ނޯޓިސް ވެސް ފެންނަން ހުއްޓެވެ.

ކުތުބްޚާނާއަށް އެ ފޮތް ރައްދުކުރީ ފޮތް ނެގި ފަރާތް ނޫން ކަމަށާއި އެ ފަރާތަށް ފޮތް ލިބެން މެދުވެރިވި ގޮތް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެތަނުން ބުނެ އެވެ.

އާދަޔާ ޚިލާފު މި ހާދިސާއާއެކު އެ ކުތުބްޚާނާއަށާއި އެމެރިކާގެ ތާރީހާ ބެހޭގޮތުން ލިޔެފައިވާ އެ ފޮތަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފަ އެވެ.