އެއީ 2009 ނުވަތަ 2010 ވަނަ އަހަރުގެ ދުވަހެކެވެ. އަޅުގަނޑު ހުރީ ދިވެހި ރާއްޖޭގެ ވަޒީރެއްގެ ޕާސަނަލް އެސިސްޓެންޓެއްގެ (ޕީއޭ) ވަޒީފާގަ އެވެ. އެ ދުވަހު ހެނދުނު އަޅުގަނޑު ރިސީވްކުރަން ޖެހުނީ އިޒްރޭލްގެ މަތީފެންވަރުގެ ވަފްދެކެވެ. މި ޓީމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވާން އައި ބައެކެވެ.
އިޒްރޭލްގެ ވަފުދް ރިސީވްކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައްދަލުވުން ފަށައިފި އެވެ. ބައްދަލުވުމުގައި ވަފްދުގެ ފަސްވަރަކަށް ބޭފުޅުންނާއި އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ވެސް ފަސް ވަރަކަށް ބޭފުޅުން ބައިވެރިވި އެވެ. އޭރު ދިވެހި ސަރުކާރުން ވަނީ ޔޫއޭއީގެ ޚަލީފާ ފައުންޑޭޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ޓެލެމެޑިސިން ޕައިލެޓް ޕްރޮޖެކްޓެއް ފަށައިފަ އެވެ. މި ވަފުދު އައިއިރު މި ޕްރޮޖެކްޓް ހިންގާ ޚަލީފާ ފައުންޑޭޝަނަށް މާލީ ގޮތުން އެހީވަނީ އިޒްރޭލު އަޑީގައި އޮވެގެން ކަމެއް އަޅުގަނޑުމެންނަށް ނޭނގެ އެވެ.
މި ބައްދަލުވުމުގެ ޔައުމިއްޔާ ލިޔަމުން ދިޔައީ އަޅުގަނޑެވެ. ޓެލެމެޑިސިން ޕްރޮޖެކްޓް ކުރިއަށް ގެންދާ ވާހަކަ ފާހަގަކުރުމުން، ވަފުދުގެ އިސް މީހާ ބުނީ އެ ޕްރޮޖެކްޓްގެ "ފަރުދާގެ ފުރަގަހުގައި" ތިބީ އެމީހުން (އިޒްރޭލް) ކަމަށެވެ. އެހެން ބުނުމާއެކު އަޅުގަނޑަށް ވެސް ލިބުނީ ޝޮކެކެވެ.
އިޒްރޭލް ސަރުކާރުން ވަރަށް ގިނަ ކަންތައްތައް ކޮށްދޭނެކަން ހާމަކޮށް އެ ބައްދަލުވުން ނިންމާލި އެވެ. ހާސްކަމާއި ބިރުވެރިކަމުގައި ހުރެ، އެ ބައްދަލުވުމުގެ ޔައުމިއްޔާ ފައިލްކުރަން ވެސް އަޅުގަނޑަށް ނުކެރުނެވެ. ވަފުދުގެ ހުށަހެޅުންތައް ހިމެނޭ ލިޔުން ވަޒީރަށް އަތްޕުޅަށް އެ ރުވުމުން އެ ކަރުދާސްތައް އަނެއް ފުށަށް (ލިޔެފައިވާ އެއްޗެހި ނުފެންނަ ގޮތަށް) ޖަހައި މޭޒު މަތީގައި ބޭއްވީ އެވެ.
"ޔާސިރު، ތި އެއްޗެހި ބަހައްޓަވާ." އެ ޑޮކިއުމެންޓް ބާއްވަމުން ވަޒީރު ވިދާޅުވި އެވެ. ކަންދިމާކުރި ގޮތުން ވަޒީރު އެއިން އެއްވެސް ކަމެއް ތަންފީޒު ނުކުރައްވަ އެވެ. އޮފީސް ނިމްމާލުމަށް ފަހު އަޅުގަނޑުގެ ބޮޑުބޭބެއަކަށް މި ވާހަކަ ކިޔައިދީ ވަޒީފާއިން ވަކިވާން ބޭނުންވާ ވާހަކަ ހިއްސާކުރީމެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އެ ވެރިކަން ވެއްޓިއްޖެ އެވެ.
ޕްރޮޖެކްޓަށް ފަންޑު ހޯދުމަށް އަޅުގަނޑުމެން މުއާމަލާތްކުރީ ޚަލީފާ ފައުންޑޭޝަނާ އެވެ. އެހެން ނަމަވެސް މިކަމުން ވެސް އެނގިގެން މިދަނީ އިޒްރޭލާއި މުސްލިމް ގައުމުތަކުގެ ސަރުކާރުތަކާ އޮންނަ ގުޅުންތަކުގެ އިތުރުން އެކިއެކި ނަން ނަމުގައި ރަޖިސްޓްރީކޮށްފައިވާ މުސްލިމް ފައުންޑޭޝަންތަކުގެ ފަހަތުގައި ވެސް ޔަހޫދީން ތިބޭ ކަމެވެ. އެބައި މީހުން މުސްލިމުންގެ ތެރެއަށް ވަދެގަނެފައި ވަނީ ހީވެސް ނުކުރާހާ މޮޅަށް އަދި ފުޅާ ދާއިރާއެއްގަ އެވެ. މުސްލިމުން އަތްދަށުލުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން އެ މީހުން އެހީވެ، ނުފޫޒު ފޯރުވާ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާގެ އިތުރުން، ސިޔާސީ ކަންތައްތަކާއި، ޓޫރިޒަމާއި، ރިއަލް އިސްޓޭޓް ވިޔަފާރި އާއި ތައުލީ ދާއިރާ ހިމެނެ އެވެ.
ޚުދު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އެމެރިކާގެ ސިޔާސީ ބޮޑެތި ފަރާތްތަކާއި އެ ގައުމުގެ ސަރުކާރުތަކުގެ އަބަދުވެސް ކޮންޓްރޯލް އޮންނަނީ ޔަހޫދީންގެ އަތްދަށުގަ އެވެ. ފައިސާއާއި އާރާއި ބާރު ޔަހޫދީން އަތުގައި އޮތުމުން އެކަމުގެ ފުރިހަމަ އެޑްވާންޓޭޖް އެބައި މީހުން ނަގާތާ އެތައް އަހަރެއް ވެއްޖެ އެވެ.
އެމެރިކާގެ ސިޔާސީ ވެރިންގެ ކޮންޓްރޯލް ވެސް ޔަހޫދީންގެ ބާރުގެ ދަށުގައި
އެމެރިކާއި އިޒްރޭލްގެ ގުޅުން ރަނގަޅުކޮށް އިޒްރޭލް ބޭނުންވާ ކަންތައްތައް ކުރުމަށް އެމެރިކާގައި "އެމެރިކަން އިޒްރާއީލް ޕަބްލިކް އެފެއާޒް ކޮމިޓީ" (އައިޕެކް) ނަމަކަށް ކިޔާ ވަރަށް ބާރުގަދަ ގްރޫޕެއް އޮވެ އެވެ. މިއީ ޔަހޫދީ ބޮޑެތި މަހުޖަނުންނާއި، ބޭންކްތަކާއި ވިޔަފާރިތަކާ ގުޅިފައި އޮންނަ ވަރަށް ވަރުގަދަ ޖަމާއަތެކެވެ. މި ގްރޫޕްގެ އެންމެ ބޮޑު މަގްސަދަކީ އިޒްރޭލުގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް އެމެރިކާގެ ސިޔާސީ މަސްރަހު ކޮންޓްރޯލް ކުރުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔަހޫދީންގެ ނުފޫޒު ފޯރުވުމަށް ވެސް މަސައްކަތް ކުރެ އެވެ. އައިޕެކްގެ އިތުރުން މި ފަދަ އެތައް ޖަމާއަތެއް އެކި ނަންނަމުގައި އެމެރިކާއާއި، މެދުއިރުމަތީގައާއި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރި ވަމުންދެ އެވެ. އެކިއެކި އެހީ ދޭ ޖަމާއަތްތަކުގެ ނިވާފަތްގަނޑުގައި މާލީ އެހީތެރިކަންދީގެން މި ފަދަ ޖަމާއަތްތައް ހަރަކާތްތެރިވެ އެވެ. އިޒްރޭލްގެ ދެމިއޮތުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް މި ޖަމާއަތްތަކުން ކުރެ އެވެ.
މެދުއިރުމަތީގެ ކޮންޓްރޯލް ނެގުން
މެދުއިރުމަތީގައި އިޒްރޭލްގެ ނުފޫޒާއެކު އެމެރިކާއިން ވަނީ މުހިންމު ކަންތައްތަކެއް ހާސިލްކޮށް ކޮށްފަ އެވެ. އެއީ މެދުއިރުމަތީގެ ގިނަ އަރަބި ގައުމުތަކުގެ ސަރުކާރުތަކާ ގާތް ގުޅުމެއް ގާއިމްކުރުމެވެ. ނަތީޖާއަކަށްވީ އިޒްރޭލްގެ މަސްލަހަތު ވެސް ވަރަށް ބޮޑަށް ހިމާޔަތްކުރެވި އެބައި މީހުންނަށް ރައްކާތެރިކަން ލިބިގެން ދިޔުމެވެ. މިކަންތައްތައް ކުރެވުނީ އެ ގައުމުތަކުގެ ރައްޔިތުން ރުއްސައިގެންނެއް ނޫނެވެ. އެހެން ނަމަވެސް މި ގައުމުތަކުގެ ވެރިންނާއި ދީނީ ބޭފުޅުންނާއި ވިޔަފާރިތަކާއި އަސްކަރީ އިސް ފަރާތްތައް ރުއްސައިގެންނެވެ.
އިޒްރޭލާއި ގަލްފްގެ ގައުމުތަކާ ވަރަށް ވަރުގަދަ މާލީ ގުޅުންތަކެއް ވެސް އޮވެ އެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ލޮޖިސްޓިކް މެނޭޖްމެންޓް ޚިދުމަތްދޭ "ދުބާއީ ޑީޕީ ވޯލްޑާއި" އާއި ދުނިޔޭގެ ޝިޕިން އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އިޒްރޭލުގެ "ޒިމް އިންޓަގްރޭޓެޑް ޝިޕިން ސާވިސަސް" ގުޅިގެން ވަނީ ވަނީ އޭޝިއާ، ޔޫރަޕް އަދި ދެކުނު އެމެރިކާގައި ވަރަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ގަލްފް ގައުމުތަކުގައި އިޒްރޭލްގެ ބޮޑެތި ބޭންކްތަކުން ވަނީ އިންވެސްޓް ކޮށްފަ އެވެ. މީގެ ތެރޭގައި އައިޑީބީ ގްރޫޕް ހިމެނެ އެވެ. އަދި އިޒްރޭލުގެ ވަރަށް ބޮޑެތި މަހުޖަނުން ވެސް ގަލްފުގެ ގައުމުތަކުގައި އިންވެސްޓް ކޮށްފައިވެ އެވެ. އިޒްރޭލުން މި ގައުމުތަކުގައި ބޮޑެތި ޕްރޮޖެކްޓްތައް ވެސް ހިންގަ އެވެ. މީގެ ތެރޭގައި ރިއަލް އިސްޓޭޓް ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނެ އެވެ. އަދި ސައުދީ އަރަބިއާ، ޔޫއޭއީ ފަދަ ގައުމުތަކުން އިޒްރޭލުން ހަތިޔާރު ވެސް ގަނެ އެވެ. މިގޮތުން 2016 ވަނަ އަހަރު އެކަނި ވެސް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރު ގަނެފައިވެ އެވެ. ހަތިޔާރުގެ ވިޔަފާރިއަކީ ވަރަށް ބޮޑަށް ސިއްރުކުރެވިގެން ހިނގާ ކަމެކެވެ. އިޒްރާލާއި ސައުދީ އަރަބިއާގެ ހަތިޔާރުގެ ވިޔަފާރީގެ ގުޅުން ދުނިޔޭގެ ސަމާލުކަމަށް އައީ، އިޒްރޭލްގެ އެލްބަޓް ސިސްޓްމްސް އިން ސައުދީ އަރަބިއާ އަށް ވިއްކި މިސައިލްތަކެއް (އޮޕްޓިކަލީ ވަޔާޑް ގައިޑެޑް ނުވަތަ TOW މިސައިލް ލޯންޗަރު) އިންސްޕެކްޓް ކުރުމަށް ސައުދީ އަރަބިއާއަށް ދިޔަ އެމެރިކާ މީހަކު 2015 އަހަރު މަރުވުމުންނެވެ. މިއީ ޚާއްސަކޮށް އަނދިރީގައި ކެމެރާ ފަދަ ތަކެތީގެ އެހީގައި ޓޭންކަރު ފަދަ އުޅަނދުތަކަށް ފޮނުވާލާ މިސައިލްތަކެކެވެ.
ދީނީ އިލްމްވެރިން އަތްދަށުލުން
ގައުމެއްގެ އެންމެ ގިނަ ބަޔަކު އެ ބަޔަކަށް އެންމެ އިހްތިރާމް ކުރަނީ ދީނީ އިލްވެރިންނަށެވެ. އެހެންކަމުން އިޒްރޭލާއި އެމެރިކާގެ ވަކިތަކުގެ ތެރެއަށް އެންމެ ފުރަތަމަ ލަނީ ދީނީ ބޭފުޅުންނެވެ. އެއަށް ފަހު ބޮޑެތި ވިޔަފާރިވެރިންނާއި ރަސްރަސްކަލުން ނުވަތަ ވެރިންނެވެ.
އިސްރާއީލޭ ކިޔުނު ދައުލަތެއް ވުޖޫދުވެގެން ދިޔައިއިރު ވެސް ދުނިޔޭގައި ސުންނީ މުސްލިމުންގެ ބޮޑެތި ދައުލަތްތައް އޮތެވެ. މިކަން ހިނގީ ވެސް ސުންނީ ބޮޑެތި އިލްމްވެރިންތަކެއް ވެސް މި ގައުމުތަކުގައި ތިއްބަވަނިކޮށްނެވެ. އިޒްރޭލް ދައުލަތެއްގެ ގޮތުގައި ގާއިމްކުރުވުމާ ދެކޮޅަށް ބައެއް މުސްލިމް ދަންނަބޭކަލުން އޭރު އަޑު އުފުއްލެވިޔަސް، މުސްލިމުންގެ ބާރުގަދަ ގައުމުތަކުގައި ތިއްބެވި ގިނަ ދީނީ އިލްމްވެރިން ތިއްބެވީ އެއްޗެއް ނުބުނެ އެވެ. އޭގޭ ތެރޭގައި ސައުދީ އަރަބިއާ ހިމެނެ އެވެ.
އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު އިޒްރޭލް އުފެއްދުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ބޭފުޅަކީ ފަލަސްތީންގެ ދީނީ އިލްމްވެރިއެއް ކަމަށްވާ މުހައްމަދު އަލް އަމީން ހުސައިނީ އެވެ. މިފަދަ މަދު ބޭފުޅުންތަކެއް ބައެއް ގައުމުތަކުގައި ތިއްބެވި އެވެ.
އިޒްރޭލް ވުޖޫދު ވުމަށް ފަހު އިޒްރޭލާއި ހުޅަނގުން ދެން ބެލީ މި ސަރަހައްދުގެ އަރަބި ގައުމުތައް ކޮންޓްރޯލް ނެގުމަށެވެ. މިކަން ނުހަނު ފަސޭހަކަމާއެކު އެބައި މީހުން ކުރި އެވެ. އުރުދުން، ސައުދީ އަރަބިއާ، ކުވައިތު، ބަހްރެއިން، ޔޫއޭއީ އަދި ގަތަރް ފަދަ ގައުމުތަކުގައި ތިބި މުސްލިމުންގެ ލީޑަރުންނާއި، އެގައުމުތަކުގައި ތިއްބެވި ބޮޑެތި ދީނީ އިލްމްވެރިންގެ އަޑު ކަނޑުވާލީ ހަމައެކަނި އަނިޔާދީގެނެއް (މި ގައުމުތަކުގެ ސަރުކާރުތަކުން) ނޫނެވެ. މިދެންނެވި ގައުމުތަކުގެ ތެރެއިން ވެސް މިސްރު، ސައުދީ އަރަބިއާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި އުރުދުންގެ ދީނީ އިލްމްވެރިންގެ އަޑު ވަރަށް ބޮޑަށް މަޑުވެގެން ދިޔަކަން ފާހަގަކޮށްލަން ޖެހެ އެވެ. އެއީ މިސްރާއި އިޒްރޭލް އަދި އިޒްރޭލާއި އުރުދުން އިން ގާއިމްކުރި ސިޔާސީ ގުޅުމާއި، ސައުދީ އަރަބިއާއާއި އިޒްރޭލާ ސިޔާސީ ގުޅުމެއް ނެތަސް ސައުދީ އަރަބިއާއިން އެމެރިކާއާއެކު ގާއިމްކޮށްފައި ވަނީ ވަރަށް އެކުވެރި ގާތް ގުޅުމަކަށް ވާތީ އާއި، މި ގުޅުންތައް ގާއިމްކޮށްފައި ވަނީ މި ގައުމުތަކުގެ ރައްޔިތުންނާއި ދެކޮޅަށް، ސުންނީ މުސްލިމް އިލްމްވެރިން ފަރުދާގެ ފުރަގަހުގައި ތިބެ ވަރަށް ބޮޑު ދައުރެއް (ހަނުހުރުން ނުވަތަ ސަރުކާރު ބޭނުންވާ ގޮތަށް ފަތުވާ ދިނުން) އަދާކޮށްގެން ކަމަށް ވާތީ އެވެ.
މީގެ ތެރެއިން ސައުދީ އަރަބިއާގެ ބައެއް ދީނީ އިލްމްވެރިންނާއި، ސައުދީ ފަތުވާ ކޮމޮޓީ އާއި، އުރުދުންގެ ފަތުވާ ޑިޕާޓްމަންޓާއި މިސުރުގެ ފަތުވާ މަޖިލީހުގެ އިލްމްވެރިންގެ ފަރާތުން އެކި ދުވަސްވަރު އިޒްރޭލާއި އެމެރިކާގެ މަސްލަހަތަށް ދީލާލައިފައިވެ އެވެ.
ޔުނިވާސިޓީތަކާއި ފަތުވާ މަޖިލިސްތަކުގައި ވެސް ޔަހޫދީންގެ ނުފޫޒު
އިޒްރޭލުގުގެ ދެމިއޮތުމަށްޓަކައި އެބައި މީހުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރަނީ މުސްލިމުންގެ މެދުގައި ބައިބައިވުމާއި ނަފްރަތު އުފެއްދުމެވެ. މި ގޮތުން ޝިޔައީންނާއި ސުންނީންގެ މެދުގައި އަދާވާތްތެރިކަން އުފެއްދުމަށްޓަކައި ޚާއްސަކޮށް ސައުދީ އަރަބިއާގެ ބޮޑެތި ޔުނިވާސިޓީތަކާއި އެ ގައުމުގެ ދީނީ ކަރިކިއުލަމްގެ ތެރޭގައި ޝީއީންގެ ދީނީ އަގީދާ އާއި ޝީއީންނާ ގުޅިފައިވާ ތާރީޚާއި ފަލްސަފާއާއި އެހެނިހެން ކަންތައްތައް ކިޔަވައިދިނުމުގައި އޮތީ ސުންނީ މުސްލިމުންގެ ނަފްރަތާއި ރުޅިވެރިކަން ޝިޔައީ މުސްލިމުންނަށް އޮންނަ ގޮތަށެވެ. މިކަން ވަރަށް ރަނގަޅަށް ދިވެހިރާއްޖެއިން ވެސް ފެންނާން އެބައޮތެވެ. މުސްލިމަކު އެއްވެސް ހައްގަކާ ނުލައި ކާފަރު ކުރުން މިއީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ. އެހެން ނަމަވެސް މިއީ ވަރަށް އާދައިގެ ކަމަކަށް ހަދައި، އިސްލާމީ ގައުމެއް ކަމަށްވާ އީރާނާ މެދު ނަފްރަތު އުފެއްދުމުގެ މަސައްކަތް ކުރާ ތަން ވެސް ގިނައިން ފެންނާނީ ސައުދީ އަރަބިއާއިން ކިޔަވައިގެން ތިބި މީހުންގެ ފަރާތުންނެވެ. އިސްލާމި ތާރީޚްގައި ވެސް ސުންނީންނާއި ޝީއީންނާ މެދު މި ދަރަޖައަށް ނަފްރަތާއި ރުޅިވެރިކަން އުފެދިފައެއް ނުވެ އެވެ. ހަގީގަތުގައި ޝީއީންނާއި ސުންނީންގެ ވެސް ބޮޑަށް އޮތީ ސިޔާސީ ވާދަވެރިކަމެކެވެ. އިޒްރޭލުން ސުންނީ މަދަރުސާތަކާއި ޔުނިވާސިޓީތަކަށް ކާމިޔާބު ކަމާއެކު މި ނުފޫޒު ފޯރުވައިގެން އުޅޭތާ ބައި ގަރުނު ވެއްޖެ އެވެ.
މާޗް 31، 2025 ގައި "އިންޓަނޭޝަނަލް ޔުނިއަން އޮފް މުސްލިމް ސްކޮލާސް (އައިޔޫއެމްއެސް)" އިން ވަނީ އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ޖިހާދުކުރަން ގޮވާލައި 10 ޕޮއިންޓް ހިމެނޭ ފަތުވާއެއް ނެރެފަ އެވެ. މިއީ 67 މުސްލިމް އޮގަނޭޒިއޭޝަން ހިމެނޭ 95000 އިލްވެރިންގެ ބޮޑު ޔުނިއަންއެކެވެ. މި ފަތުވާގައި ވަނީ ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު ވެސް އިޒްރާލާއި ދެކޮޅަށް ޖިހާދު ކުރަން ޖެހޭ ކަމަށާއި އަރަބި އިސްލާމީ ގައުމުތަކުން އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިސުރުގެ އަލް އަޒްހަރުގެ އިމާމް ޝެއިޚް ނާޒިރް އައްޔަދް ވެސް މި ފަތްވާ އާ ދެކޮޅު ހެއްދެވި އެވެ. މި ކައުންސިލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެންމެ ފުރަތަމަ ކަނޑައެޅީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެއީ 2014 ވަނަ އަހަރު އެވެ. ސައުދީ އަރަބިއާ އާއި ބަހްރެއިން ވެސް ވަނީ މި ކައުންސިލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފަ އެވެ. ސަބަބެއް ކަމަށް ދައްކަނީ މުސްލިމް ބްރަދަހޫޑް އާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ. މުސްލިމް ބުރަދަހުޑަކީ މިސްރުގައި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބަކުން ރައީސް ކަމަށް އައްޔަން ކުރެވުނު ޑރ. މުހައްމަދު މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ އިޒްރޭލާއި ދެކޮޅު މުސްލިމް ޖަމާއަތެކެވެ. މިއީ މިސުރުގައި 1928 ވަނަ އަހަރު އުފެދުނު ސުންނީ މުސްލިމް ޖަމާއަތަކެވެ. އައިޔޫއެމް ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ގަލްފްގެ ގައުމުތަކުން ކަނޑައަޅައި އިއުލާނުކުރުމަށް މަސައްކަތް ކުރީ އެމެރިކާ އާއި އިޒްރޭލުންނެވެ. އެ މީހުން ވަނީ އެކަންކޮށްފަ އެވެ.
ސުންނީ މުސްލިމް ލީޑަރުންގެ އެހީގައި އިޒްރޭލާއި އެމެރިކާއިން މުސްލިމް ގައުމުތަކުގެ ފަތުވާ މަޖިލިސްތަކާއި ކޮމިޓީތައް ވެސް ކޮންޓްރޯލް ކުރަނީ މި ރާއްޖޭގައި ވެސް އޮންނަ އުސޫލުން، "އޭރު އެ ޝެއިޚް އެ ކޮޅަށް، މިހާރު މިކޮޅަށް" ނުވަތަ "ދެމޭ ރަބަރު ގަނޑެއްގެ އުސޫލުން" ތިބޭ ބަޔަކަށް އެމީހުން ހަދާލައިގެންނެވެ. ތިލަކޮށް ލިޔާނަމަ ކޭޝް ވެސް ދީގެންނެވެ. ނުވަތަ ދެނީ ޗޮއިސްތަކެކެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާނަމަ ގައުމު ދޫކޮށް ދާންވީ އެވެ. ގައުމުގައި ތިބެގެން ސަރުކާރާ ތޮޅޭނަމަ ޖަލަށް ދާންވީ އެވެ. އިސްލާމްދީނާއި މުސްލިމުންގެ ދިފާއުގައި ހައްގު ބަސް ބުނި އެތައް ދީނީ އިލްމްވެރިންނަކަށް އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުން އަނިޔާދީފައިވެ އެވެ. މި ގައުމުތަކުގެ ސަރުކާރުތަކުގެ ދީނީ ކަންކަމާ ގުޅޭ ދާއިރާތަކުގެ އިސް މަގާމްތަކުގައި ގިނައިން ތިބޭނީ ސަރުކާރަށް ސަނާކިޔާ އިޒްރޭލާއި ހުޅަނގު ގައުމުތަކު އަމަލުތަކަށް ބީރު ކަންފަތެއް ދީގެން ތިބޭ ދީނީ އިލްމްވެރިންނެވެ.
ފަލަސްތީންގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ އެ މީހުންނަށް ތާއަބަދު އަނިޔާ ދެމުން ދަނިކޮށް ސުންނީ މުސްލިމް ގައުމުތަކުގެ ވެރިންނާއި ދީނީ އިލްމްވެރިން ރުއްސައިގެން އިޒްރޭލާއި އެމެރިކާއާ އިން ކުރި މުހިންމު ބައެއް ކަންތައްތައް ކުރުކޮށް ތިރީގައި މި ލިޔަނީ އެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަކީ އިޒްރޭލުގެ އައްޑަނަތަކެއް
އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ "ކައުންސިލް އޮން ފޮރިން ރިލޭޝަންސް" އިން ހާމަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ 19 ތަނެއްގައި އެމެރިކާއިން ވަނީ އަސްކަރީ ބޭސްތައް ގާއިމްކޮށްފަ އެވެ. މީގެތެރެއިން އަށް މަރުކަޒު ހުންނަނީ އުރުދުން، މިސުރު، އިރާގް، ކުވައިތް، ގަތަރު، ސައުދީ އަރަބިއާ އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސްގަ އެވެ.
އެމެރިކާގެ އެންމެ ފުރަތަމަ އަސްކަރީ ފައުޖެއް މެދުއިރުމައްޗަށް ދިޔައީ 1958 ވަނަ އަހަރު ލުބްނާންގައި ހިނގަމުންދިޔަ ހަމަނުޖެހުން ތެރެއަށް ވަދެގަތުމަށްޓަކަ އެވެ. އެ ފަހަރު އެމެރިކާގެ މެރިންސް އާއި އާމީގެ 15،000 ސިފައިން ލުބުނާނަށް ދިޔަ އެވެ. މިހާރު މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންގެ އަދަދަކީ ގާތްގަނޑަކަށް 50،000 އެވެ.
މެދުއިރުމަތީގައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެއް ހުންނަނީ ގަތަރުގެ އަލް އުދައިދުގަ އެވެ. ފަސްދޮޅަސް ހެކްޓަރުގެ މިތަން ވުޖޫދުކޮށްފައި ވަނީ 1996 ވަނަ އަހަރުގަ އެވެ. މިތަނުގައި އެމެރިކާގެ 10000 ސިފައިން ތިބެ އެވެ. އީރާނުން ވަނީ ރޭ މިތަނަށް މިސައިލް ހަމަލާތަކެއް ވެސް ދީފަ އެވެ.
އެމެރިކާގެ ނޭވީގެ ނުވަތަ ކަނޑުގެ ފިފްތް ފްލީޓް ގާއިމްވެގެން ތިބެނީ ބަހްރެއިންގަ އެވެ. މިތަނުގައި ސިފައިންނާއި ނަން ސިވީލިއަނުންގެ ގޮތުގައި 9،000 މީހުން ތިބެ އެވެ.
ކުވައިތުގައި 1999 ވަނަ އަހަރު ގާއިމްކޮށްފައިވާ އާރިފްޖާން އަސްކަރީ މަރުކަޒަކީ އެމެރިކާއިން މެދުއިރުމަތީގެ ސަރަހައްދުތަކުގައި ހިންގާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވެދިނުމަށް (ބޭނުންވާ ތަކެތި ނުވަތަ ލޮޖިސްޓިކްސް) ގާއިމްކޮށްފައިވާ ތަނެކެވެ.
އެކުވެރި އަރަބި އިމާރާތުގައި އެމެރިކާގެ ވައިގެ އަސްކަރީ ހަރަކާތްތަކަށް ފަސޭހަކުރުމަށް ހަދާފައިވާ ތަނަށް ކިޔަނީ އަލް ދަފްތާ އެއާ ބޭސް އެވެ. އިރާގުގެ އިރްބީލްގައި ވެސް އެމެރިކާގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައިވެ އެވެ.
މަތީގައި ދެންނެވިފައިވާ ގައުމުތަކުގެ ތެރެއިން ބަހުރެއިނާއި އިރާގްގައި ގިނައީ ޝީއީންނެވެ. އެހެން ނަމަވެސް ބަހުރެއިންގައި ވެރިކަން ކުރަނީ ސުންނީންނެވެ. މީގެ އިތުރުން އިރާގަކީ ވެސް ޝިއައީ މެޖޯރިޓީ އެއް އޮތް ގައުމެކެވެ. އަދި އިރާގުގައި މިހާރު އޮތީ ޝީއީން އިސްވެ ތިބެ ހިންގާ ސަރުކާރެކެވެ.
އަރަބި ގައުމުތަކާއި އެމެރިކާ އާއި ދެމެދު އޮންނަ މިއަސްކަރީ ގުޅުންތަކުގެ އިތުރަށް އުރުދުން އިން ވަނީ އިޒްރޭލާއެކު 1994 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކޮށްފަ އެވެ. އެންމެ ފުރަތަމަ އިޒްރޭލާ ސުލްހައިގެ ގުޅުން މާޗް 26، 1979 ގައި ގާއިމްކުރީ މިސުރުންނެވެ. މިހާރު އިޒްރޭރާއި އެކުވެރި އަރަބި އިމާރާތާއި ދެމެދު އިތުރަށް ގުޅުން ގާއިމް ކުރުމަށް ސީދާ ވާހަކަތައް ދެކެވެމުން ދާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި ސައުދީ އަރަބިއާއިން ވެސް ދަނީ ސިއްރިޔާތުގައި މި ފަދަ ގުޅުމެއް ގާއިމް ކުރުމަށް އެމެރިކާ މެދުވެރިގެން ވާހަކަ ދައްކަމުންނެވެ.
ރާއްޖޭގެ މަދު ޝެއިޚުންތަކެއް ވެސް ޔަހޫދީ ފަލްސަފާގެ ތެރޭގައި
އިސްލާމީ އުންމަތުގައި އަނިޔާވެރިކަމަށް ހުށަހެޅިފައިވާ އަދި މުގައްދަސް ތަންތަނުގެ ހައްގުގައި ސުންނީ ގައުމުތަކުގެ ލީޑަރުންނާއި ދީނީ އިލްމްވެރިން އެކަންކަމާ އަޅާނުލައި ތިބޭކަން އަޅުގަނޑުމެން މުސްލިމުންނަށް ހާމަވުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ނޫނެވެ. އިޒްރާލާއި ހުޅަނގުގެ އަސްކަރީ މަރުކަޒުތައް ގާއިމްކުރަން ފުރުސަތު ދީ، އިސްލާމްދީނާއި ދުރު އަދި އިސްލާމް ދީން ހުއްދަ ނުކުރާ އެތައް ކަމެއް އެ ގައުމުތަކުގެ ސަރުކާރުތަކުން ދަނީ ކުރަމުންވެ.
މި ފަދަ ގައުމުތަކުން ދީނީ އިލްމް ކިޔަވައިގެން ރާއްޖެ އައިސް ތިބި މަދު ދީނީ އިލްމްވެރިންތަކެއް، އެމެރިކާ އަދި އިޒްރޭލަށް ތާއީދުކޮށް އެއްޗެއް ލިޔެ ހިތްވަރު ދީ ހެދުމަކީ ވެސް އަޅުގަނޑުމެން ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މި ދެންނެވި ސުންނީ ގައުމުތަކުގެ ވެރިން ސުންނީ ތާޖުގައި ތިބެ ބޮޑެތި މުންކަރާތްތައް ހިންގަން ފުރުސަތު ދިނުމާއި އެމެރިކާ އާއި އިޒްރޭލަށް ބަޔަތު ހިފައިގެން ތިބޭތަން ބަލައިގެން ތިބުމާއި، ފަލަސްތީންގެ މުސްލިމުންނަށް ލިބޭ އަނިޔާ ނުފެންނަ ކަމަށް ހަދައިގެން އަޅުގަނޑުމެންގެ ތެރޭގައި ބައެއް ޝެއިޚުން އުޅެ އެވެ.
އެ މީހުންނަކީ ސައުދީ އަރަބިއާ އަދި ގަލްފްގެ ބައެއް ގައުމުތަކުގެ ވެރިންނާއި އިލްމްވެރިން ވެސް އިޒްރޭލާއި އެމެރިކާއަށް ހަމްދަރުދީވާ ގޮތަށް އެ ފަރާތްތަކަށް ހަމްދަރުދީވާ މީހުންނެވެ. އަދި މިފަދަ ޝެއިޚުން ކިޔަވައިގެން ތިބީ ވެސް އިޒްރޭލާއި އެމެރިކާގެ އެންމެ އެކުވެރި ގައުމުތައް ކަމަށްވާ ސައުދީ އަރަބިއާ ގަރަތު ފަދަ ގައުމުތަކުންނެވެ. އެ މީހުން ކިޔެވި ޝިޔައީންނާ ގުޅޭ މުގައްރަރުތަކުގައި ވަނީ ޝިޔައީންނަށް ނަފްރަތާއި ރުޅިވެރިކަމުގެ ފިލާވަޅުތަކެވެ. އަދި ޓެކްސްޓް ފޮތްތަކަކީ އިޒްރޭލާއި އެމެރިކާ ބޭނުންވާ ގޮތަށް ބައްޓަން ކުރެވިފައިވާ ބޮޑެތި ފޮތްތަކެވެ.
މި ރާއްޖޭގެ ސްކޫލްތަކުގެ ކަރިކިއުލަމް (ބައެއް ޓެކްސްޓް ފޮތްތަކުގެ ފިލާވަޅުތައް ހިމެނޭ ގޮތަށް) ހުޅަނގުގެ ގައުމުތަކުން ބޭނުންވާ ގޮތަށް ބަދަލު ކުރަން ވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެ އެވެ. މިއީ މި ރާއްޖޭގެ ރައްޔިތުން ވެސް ދަންނަ ބޮޑު ހަގީގަތެކެވެ. ރާއްޖޭގެ ބައެއް ސަރުކާރުތަކުން ހުޅަނގުން ބޭނުންވާ ގޮތަށް ކަރިކިއުލަމާއި ޓެކްސްޓް ފޮތްތައް އަދި އަދި "ގަޑުބަޑު" ނުކުރެވި އޮތީ ދިވެހި ރައްޔިތުންގެ ހިތްވަރާއި ކެރުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ބައެއް ކަންތައްތައް ވަނީ އެ މީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްފަ އެވެ. އެހެން ކަމުން އިސްލާމީ ގައުމުތަކުގެ ކަރިކައުލަމްތަކާ ކުޅުމަކީ އެމީހުންގެ އެންމެ ބޮޑު އެޖެންޑާ އެވެ. ކަރިކިއުލަމަކާ ކުޅެލެވިއްޖެ ނަމަ ގައުމެއްގެ މުޅި ޖީލާ ކުޅެވުނީ އެވެ.
މި ރާއްޖޭގައި ވެސް ވަކި ޕާޓީއެއްގެ ބަޔަކު ކަމެއް ކުރުމުން އެއީ ކާފަރުންނަށް ހަދައި، "އޭރު އެ ޕާޓީއަށް މިހާރު މި ޕާޓީއަށް" ފަތުވާ ނެރެދޭ ގޮތަށް ބަޔަކު އުޅެ އެވެ. މިއީ ޔަހޫދީ ފަލްސަފާގެ ތެރެއިން މުސްލިމުން ބައިބައި ކޮށްލުމަށް އުޅޭ އެޖެންޓުންނެވެ. މިކަހަލަ ބައެއް މީހުން އަޅުގަނޑުމެންގެ ތެރޭގައި ދީނުގެ ނަމުގައި ތާކިހާ އަޅައިގެން ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ސިއްރިޔާތުގައި މި މުޖުމަތައު ފަސާދަ ކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް މި ހަނގުރާމައިގައި އިޒްރޭލް ސުންނާފަތި ވާތަން ފެނިގެން، ޖަޒުބާތުގައި ޖެހި ދެއްކޭ ނުދެއްކޭ ވާހަކަ އެއް އެމީހުންނަށް ވެސް ނޭނގި، އެންމެ ފަހުން ވަނީ އަމިއްލައަށް ބޭޒާރުވެފަ އެވެ.