ކުއިލިން އާޓްއަކީ އޭނާ އެންމެ ކުރާހިތްވާ މަސައްކަތް. މިއީ ވަރަށް މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު ގިނަ ވަގުތު ހޭދަކޮށްގެން ކުރެވޭ މަސައްކަތެއް. ކަރުދާސް އޮޅައިގެންކުރާ މި މަސައްކަތް މިހާރު އަންނަކީ މީހުންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން. އޭނާއަށް ކުއިލިންގެ ތެރެއަށް ވަދެވުނު އިރު އެ މަސައްކަތަށް ބޭނުންވާ އާލާތެއް ނެތް. އެހެން ނަމަވެސް އަމިއްލައަށް އެ މަސައްކަތް ކުރަން ފެށުމަށް ބޭނުންކުރީ އިލޮށިކޮޅެއް. މިއަދު އޭނާއަކީ އެ މަސައްކަތުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މޮޅު ހުނަރުވެރިއެއް.

ކުއިލިންއަކީ އާޓެކެވެ. ކަރުދާސް ބޭނުންކޮށްގެން ކުރާ ވަރަށް ހިތްގައިމު މަސައްކަތެކެވެ. މި މަސައްކަތުން މަސައްކަތް ކުރާ މީހާއަށް ވެސް އަދި މަސައްކަތަށް ބަލާ މީހާއަށް ވެސް ހިތްހަމަޖެހުން ގެނެސްދެ އެވެ.

ދިރިއުޅުމުގައި ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް މަސައްކަތެއް ކުރަން ބޭނުން ނަމަ އެކަން ކުރެވިދާނެކަން ކ. ކާށިދުއަށް އުފަން އެ ރަށު އަމަން، އައިޝަތު ނަޝާ (ނައްޓި) އެދަނީ ސާބިތުކޮށްދެމުންނެވެ.

ކާށިދޫ ސްކޫލްގައި އޭލެވެލްއަށް ކިޔެވުމަށްފަހު އޭނާ ފުރަތަމަ ބޭނުންވީ ސިއްހީ ދާއިރާއާ ގުޅޭށެވެ. މާލެ ދިޔައީ ނާސިންގެ ދާއިރާއިން ކިޔެވުމަށެވެ. ނަމަވެސް ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެކަން ކުރެވޭ ގޮތް ނުވެގެން އަނބުރާ ރަށައް އަ އެވެ. އަދި ސޯޝަލްމީޑިއާގެ އެކި ވީޑިއޯ ބެލުމުގެ ތެރެއިން ކުއިލިންގެ މަސައްކަތް ފެނި ކުއިލިން އާޓްއަށް ޝައުގު އުފެދުނެވެ. އެއަށްފަހު އެކި ވީޑިއޯ ބަލައިގެން އެ ހުނަރު އަމިއްލައަށް ދަސްކުރި އެވެ.

ނަޝާ ހަދައިފައިވާ ކުއިލްޑް 3ޑީ ސައިބޯ ޖޯޑު ސެޓެއް: ފުަރަތަމަ ކުއިލިންގެ މަސައްކަތްކުރީ އެއްވެސް ޓޫލް(އާލާތަ)ކާއި ނުލައި

ކުއިލިން އެންމެ ފުރަތަމަ ފެށިއިރު މަސައްކަތް ކުރުމަށް ބޭނުންވާ އެއްވެސް އާލާތެއް ނެތް ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އެ މަސައްކަތަށް ހިތްޖެހިފައި ވީ ވަރުން ކޮންމެ ހާލެއްގައި ވެސް އެ މަސައްކަތް ކުރަން އޭނާ ބޭނުންވި އެވެ.

"މަސައްކަތަށް ބޭނުންކުރާ އެއްވެސް ޓޫލެއް ނެތް ފެށިއިރަކު. އެހެންވެ އެންމެ ކުރިން ބޭނުންކުރީ އިލޮށި. އިލޮއްޓެއް ފަޅާލައިގެން ކުއިލިން ޓޫލެއް ގޮތަށް އިލޮށި ބޭނުންކުރީ،" ނައްޓި ކިޔައިދިނެވެ.

ނައްޓި ބުނިގޮތުގައި ކުއިލިން އަކީ ބަލާބެލުމަށް އުނދަގޫ މަސައްކަތެއް ގޮތުގައި ފެނުނު ނަމަވެސް، މަސައްކަތަށް ބޭނުންވާ އަސާސީ ކަންތައްތައް ދަސްވެއްޖެ ނަމަ، އެ ކަމަކީ ފަސޭހަ ކަމެއްކަން އެނގޭނެ ކަމަށެވެ. ކުއިލިން އަކީ މަސައްކަތުގެ ބާވަތުން ގިނަ ވަގުތު ހޭދަކުރަންޖެހޭ ކަވި މަސައްކަތެކެވެ. ވީމާ އެމަސައްކަތް ކުރެވޭނީ ނައްޓި ފަދަ ވަރަށް ކެތްތެރި މީހަކަށެވެ.

ކުއިލްޑް މަލުގެ ފްރޭމެއް: ކުއިލިންއަކީ ނަޝާ އެންމެ ޝައުގުވެރިވާ އެއްމަސައްކަތް

"ކުއިލިންއަކީ ވަރަށް ހިމަ ކަރުދާސް ކޮޅުތަކެއް ބޭނުން ކޮށްގެން ކުރާ މަސައްކަތެއް. ސްޓްރިޕްސް (ކަފާފައި ހުންނަ ކަރުދާސް) ވެސް ލިބެން ހުރޭ. އަޅުގަނޑު އެންމެ ފުރަތަމަ އެ މަސައްކަތް ކުރީ ހިމަކޮށް ކަރުދާސް ކަފައިގެން. ފަހުން އެ މަސައްކަތަށް ބޭނުންވާ ޓޫލްސް އާއި ކުއިލިން ޕޭޕަރު ލިބެން ފެށީ. މި މަސައްކަތުގައި ކުރަންޖެހޭ ކަމަކީ ކަރުދާސް ކޮޅުތައް އޮޅާފައި އެއަށް ބައްޓަން ގެންނަން ޖެހެނީ،" ނައްޓި ބުންޏެވެ.

ނައްޓި އެންމެ ފުރަތަމަ ހެދި ކުއިލިން އާޓްއަކީ ރައްޓެއްސަކަށް ހަދިޔާކުރަން ހެދި ކުޑަ ފްރޭމެކެވެ. އެއަށްފަހު ދެވަނަ ބޮޑު ފްރޭމެއް ވެސް ހެދި އެވެ. އޭރު މަސައްކަތާ ބެހޭ މާގިނަ ޚިޔާލުތަކެއް ނުހުރެ އެވެ. އޭނާއަށް ފެނުނު ރީތިވާނެހެން ހީވާ ގޮތްގޮތަށް މާތައް އަތުރައިގެން މަސައްކަތް ނިންމާލީ އެވެ.

"މާގިނަ އައިޑިއާއެއް، އޮގަނައިޒްކުރާނެ ގޮތެއް ނޭގި އެންމެ ފުރަތަމަ ހެދި ބޮޑުފްރޭމް ނިންމާފައި އިންނާނީ. އެއީ އެންމެ ފުރަތަމަ ނިންމާލި ބޮޑު މަސައްކަތަކީ ވެސް،" ނައްޓި ބުންޏެވެ.

ކުއިލްކޮށްފައިވާ ބިސްމިﷲ: ކުއިލިންއަކީ ގިނަވަގުތު ހޭދަވާ ވަރަށް ކަވި މަސައްކަތެއް

ކުއިލިންގެ މަސައްކަތުގައި ނުވަ ވަރަކަށް އަހަރު ވެފައި ވީ ނަމަވެސް ރަށުގައި ހުރެގެން ލިބޭ ކުރިއެރުން ކުޑަ ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރެއިން ކަނބުޑުވާ ދެކަމެއް ހިއްސާ ކޮށްލަމުން އޭނާ ބުނީ، ރަށުގައި ހުރެގެން އުފައްދާ ތަކެތި ވިއްކޭނެ ގޮތެއް ނެތުމަކީ އެ މަސައްކަތުގައި ކުރިއަށް ގެންދިއުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށާއި، ކުއިލިންގެ އެންމެ މަސައްކަތަކަށް ހޭދަކުރަން ޖެހޭ ވަގުތާއި އެ މަސައްކަތުގެ ކަވި ކަމަށް އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް ލިބުމުގައި ވެސް ދަތިތަކެއް ހުންނަ ކަމަށެވެ.

ކުއިލްޑް ކާޑެއް: ކުއިލްޑް މަލެއްގެ ކޮންމެ ފިޔައެއް ހެދުމަކީ ވެސް ވަކިވަކިން ކަރުދާސް އޮޅައިގެން ކުރާ މަސައްކަތެއް

"އެންމެ އާދައިގެ މަސައްކަތަކީ މަލެއް ހެދުން. އެހަދާ ޝޭޕަކުން (ބައްޓަމަކުން) އެއްގަޑިއިރު ވެސް ނަގާފާނެ މަލެއް ހަދާލަން. ކުއިލިންގައި މިސާލަކަށް މަލެއް ހަދާ ކަމަށް ވާނަމަ، އޭގެ ކޮންމެ ފިޔައެއް ވަކިން އޮޅައިގެން ހަދަން ޖެހޭނެ. އެހެންވީމަ ފުދޭ ވަރަކަށް ވަގުތު ހޭދަވާނެ. މިހާރު އިލެކްޓްރިކް ޓޫލްސް ގެންގުޅޭތީ އެބައި ކޮންމެވެސް ވަރަކަށް ފަސޭހަ،" ނައްޓި އޮޅުންފިލުވައިދިނެވެ.

ކުއިލްޑް ކާޑެއް: ކުއިލިން އަކީ ހުރިހާ އުމުރަކަށް ވެސް ކުރަން ރަނގަޅު މަސައްކަތެއް

އޭނާ މި މަސައްކަތް ކުރަނީ ގޭގައި ކުދިންގެ ކަންކަން ބަލަހައްޓާފައި ލިބޭ ހުސް ވަގުތުތަކުގަ އެވެ. މިއީ ކޮންމެ އުމުރެއްގެ މީހެއް ވެސް ކުރަން ރަނގަޅު މަސައްކަތެއް ކަމަށާއި ސިކުނޑި ތަޒާކޮށްލައި ބޭކާރު ވިސްނުންތަކާ ދުރުކޮށްދޭ މަސައްކަތެއް ކަމަށް ނައްޓި ބުނެ އެވެ. އޭނާއަކީ ކުއިލިންގެ އިތުރުން ކްރާފްޓް (އަތްތެރި މަސައްކަތް) ވެސް ކުރާ ހީވާގި މުރާލި ހުނަރުވެރިއެކެވެ.

"ކުއިލިންގެ އިތުރުން ކްރާފްޓްގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑު ކުރަން، އޭގެ ތެރޭގައި ކައިވެނީގެ ރަން ޑެކަރޭޓްކުރުން، ލަކުޑިގައި ނަން ޑެކަރޭޓް ކުރަން. ކޭކް ޓޮޕާސް ހަދަން އަތުން ކަފައިގެން އަދި ރެސިންއާޓްގެ މަސައްކަތް ވެސް ކުރަން. ޔުނިކް ކްރާފްޓް. ކިޔާ ޕޭޖެއް ވެސް އިންނާނެ އަޅުގަނޑާއި ފިރިމީހާގެ ކޮއްކޮ ޚަދީޖާ ޚަލީލް އާ ދެ މީހުން ވެގެން ހިންގާ،" ނައްޓި ބުންޏެވެ.

ކުއިލްޑް ނަމެއް: ނަޝާގެ އެންމެ ފުރަތަމަ ކުއިލިންގެ މަސައްކަތުގައި ބޭނުން ކުރީ އިލޮށި

އޭނާގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ފިރިމީހާ އަދި އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަން ފާހަގަކޮށް އެ އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އެވެ.

ކުއިލިން އާޓްއަކީ ވަރަށް ފަހުން ދިވެހިންގެ ތެރެއަށް ތައާރަފްވި ފަންނެކެވެ. ވީމާ މީހުންނަށް ބީރައްޓެހި ފަންނަކަށް ވުމަކީ ވެސް އެ މަސައްކަތް ކުރިލައި ދިއުމުގައި ހުރި ދައްޗެއްކަން ފާހަގަވެ އެވެ. އެކަމުގެ ހައްލަކީ ވެސް ކުއިލިން އާޓް މާކެޓް ކުރެވޭނެ ފުރުސަތުތަކެއް ރަށް ރަށުގައި ތިބި އެ މަސައްކަތް ކުރާ މީހުންނަށް ހުޅުވާލުމެވެ.