ސައުތު ކޮރެއާގެ މަތިން އުދުހެމުން ދިޔަ އާސިއާނާ އެއާލައިންގެ ބޯޓެއްގެ ދޮރު ހުޅުވި މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ. މި ހާދިސާގެ ސަބަބުން ގާތްގަނޑަކަށް 12 ވަރަކަށް މީހުނަށް ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

އާސިއާނާގެ ފްލައިޓްގެ ދޮރު ހުޅުވި ހާދިސާ ހިނގިއިރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކޮރެއާގެ ދެކުނުގެ ރަށެއް ކަމަށްވާ ޖެޖޫ އިން ފުރައިގެން އެ ގައުމުގެ ޑައެގޫ ސިޓީ އަށެވެ.

ބޯޓުގެ ދޮރު ހުޅުވިއިރު ގަޑިއެއްހާ އިރުގެ އެ ދަތުރު ނިމި ޖައްސަން އޮތީ ހައެއްކަ މިނިޓަށްވެފަ އެވެ.

ސައުތު ކޮރެއާގެ ޔޮންހަޕް ނިވްސް އެޖެންސީން ބުނި ގޮތުގައި ފުލުހުން ހައްޔަރު ކުރީ 33 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ވަނީ އެ އަމަލު ހިންގި ކަމަށް އިއުތިރާފުވެފަ އެވެ. އެކަމަކު އޭނާ އެކަން ކުރީ ކީއްވެގެން ސާފެއް ނުވެ އެވެ.

ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް ލޭންޑް އިންފްރާސްޓްރަކްޗާ އެންޑް ޓްރާންސްޕޯޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޭވިއޭޝަން ސެކިއުރިޓީ ގާނޫނާ ޚިލާފްވާ ކޮންމެ މީހެއްގެ މައްޗަށް ވެސް ތަހުގީގު ހިންގައި ޝަރީއަތަށް ފޮނުވޭނެ އެވެ. އަދި އެފަދަ ކުށެއްގެ އަދަބަކީ ގިނަވެގެން 10 އަހަރަށް ޖަލަށް ލުމެވެ.