ޔޫރަޕްގެ ބައްރަށް 1999 ވަނަ އަހަރަށްފަހު ފެނުނު އެންމެ ފުރިހަމަ އިރުކޭތަ (ޓޯޓަލް ސޯލާ އެކްލިޕްސް) އާއެކު، އިނގިރޭސިވިލާތާއި ޔޫރަޕުގެ އެކި ގައުމުތަކުގެ މިލިއަން އަދަދަކަށް މީހުން އެ މަންޒަރު ބަލައި އުފާފާޅުކޮށްފި އެވެ.
މިއީ ޖީލެއްގައި ވެސް އެ ސަރަހައްދަށް ފެންނާނެ އެންމެ ނާދިރު އަދި ފުރިހަމަ ފަލަކީ ހާދިސާ ކަމަށް ބޭރުގެ ރިޕޯޓުތަކުގައިވެ އެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އިރު އެކޮށް ނިވާވެ، މުޅި ސަރަހައްދު ދުވާލުގެ ވަގުތުގައި އަނދިރިވެގެންދިޔަ "ޕާތު އޮފް ޓޯޓަލިޓީ" ނުވަތަ ފުރިހަމަ އިރުކޭތަ ފެނިފައި ވަނީ ގްރީންލޭންޑް، އައިސްލޭންޑް، އުތުރު ރަޝިއާ އަދި ސްޕެއިންގެ ބައެއް ސަރަހައްދުތަކަށެވެ. އެ ސަރަހައްދުތަކުގައި ދެ މިނެޓަށްވުރެ ދިގު މުއްދަތަކަށް އިރުގެ އަލިކަން އެކީ ކެނޑި، ރޭގަނޑު ފަދައިން އަނދިރިކަން ވެރިވެގެންދިޔަ އެވެ.
އިނގިރޭސިވިލާތާއި ޔޫރަޕްގެ އެހެން ގައުމުތަކަށް މިއީ ފުރިހަމަ އިރުކޭތައަކަށް ނުވި ނަމަވެސް، އިރުގެ 90 އިންސައްތައަށް ވުރެ ބޮޑު ބައެއް ހަނދުގެ ނިވަލަށް ވަދެ، ވަރަށް ފުރިހަމަ "ބައިކުޅަބައި އިރުކޭތައެއް" (ޕާޝަލް އެކްލިޕްސް) ވަނީ ފެނިފަ އެވެ.
ލަންޑަނާއި އިނގިރޭސިވިލާތުގެ އެކި ސިޓީތަކުގައި ހަވީރުގެ ވަގުތުގައި އިރުގެ އަލިކަން އިންތިހާއަށް މަޑުވެ، ހަނދުފަޅި ފަދައިން އިރު ފެންނަން ހުރި އިރު، އެތައް ހާސް ބަޔަކު ވަނީ ހާއްސަ އައިނު ބޭނުންކޮށްގެން މި މަންޒަރު ބަލަން ހާމަ ބިންތަކަށް ޖަމާވެފަ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، އިރުކޭތައިގެ ސަބަބުން އެ ސަރަހައްދުތަކުގެ ފިނިހޫނުމިން ކުއްލިއަކަށް ދަށްވެ، ވައިގެ ދައުރުވުމަށް ވެސް ބަދަލުތަކެއް އައިސްފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔޫރަޕުގެ ބައްރަށް ދެން މިފަދަ ފުރިހަމަ އިރުކޭއްތުމެއް އެންމެ އަވަހަށްވެސް ފެންނާނީ 2028 ވަނަ އަހަރު ކަމަށް ފަލަކީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.
ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން އިތުރު ވަޒީފާއަށް އެދެފި
ހަށިގަނޑުން ނަގާ އުންތަކާއި ގޮށްތަކަށް ސަމާލުވާންވީ ކޮން އިރަކު؟
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓަ ކުރުމުގެ ފުރުސަތު