ކުޑަ ކަމުދާ ތަކެއްޗަކީ އިންސާނެއްގެ ސިއްހަތު ދެނެގަތުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. އެކި ބަލިތައް ދެނެގަތުމުގައި ކުޑަކަމުދާ ތަކެތި ބޭނުން ކުރެވެނީ އެހެންވެ އެވެ. އެހެން ނަމަވެސް ތަހުލީލު ނުކޮށް ވެސް ކުޑަކަމުދާ ތަކެތީގެ ކުލައިން ތިބާގެ ސިއްހަތާ ބެހޭ އެތައް ވާހަކައެއް އެނގޭނެ އެވެ.

ފެން ކުލަ

ކުޑަކަމުދާ ތަކެތި ފެން ކުލައިގައި ހުންނަ ނަމަ އޭގެ މާނައަކީ ހަށިގަނޑުގައި ފުދި އިތުރުވާވަރަށް ފެން އެބަ ހުއްޓެވެ. މިއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލަ އަކަށް ވާނީ ފެން ގިނައިން ނުބޯއިރު ވެސް ފެން ކުލައިގައި ހުންނަ ނަމަ އެވެ.

މަޑު ރީނދޫ ކުލަ

މަޑު ރީނދޫ ކުލައެއްގައި ކުޑަކަމުދާ ތަކެތިހުރުމަކީ އާންމު ކަމެކެވެ. މިއީ އަސްލު ކުޑަކަމުދާ ތަކެތީގެ ކުލައެވެ. މި މަޑު ރީނދޫ ކުލަ އަކީ ލޭގެ ތެރޭގައި ހުންނަ މަރުވެފައިވާ ލޭގެ ހަތާތައް ހަލާކުވުމުން އުފެދޭ ކުލައެކެވެ. މިއީ ކަންބޮޑުވާންވީ ކުލައެއް ނޫނެވެ. އެއީ ކުޑަކަމުދާ ނިޒާމުގެ ސިއްހަތު ރަނގަޅު ކަމުގެ ނިޝާނެކެވެ.

އޮރެންޖު ކުލަ

އޮރެންޖު ކުލައެއްގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމަ އެއިން ދޭހަވަނީ ހަށިގަނޑުން ފެން މަދު ކަމެވެ. މިއީ ސަމާލުކަން ދޭންޖެހޭނެ ހާލަތެކެވެ. ފެން ބުއިން އިތުރު ކުރަން ޖެހޭނެ އެވެ. ހަށިގަނޑުން ފެން މަދުވެ، ގިނަ އިރުތަކެއް ވަންދެން ހުރެއްޖެ ނަމަ މި އޮރެންޖު ކުލަ މުށި ކުލަ އަކަށް ބަދަލުވެދާނެ އެވެ. މިއީ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެފައިވާ ކަމުގެ އަލާމާތެކެވެ.

ރަތް ކުލަ

މަޑު ރަތް ކުލައެއް ނުވަތަ ފިޔާތޮށި ފާޑު ކުލައެއްގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމަ މިއީ ކަންބޮޑު ވާން ޖެހޭނެ ކަމެކެވެ. މި ކުލައިން ދޭހަވަނީ ޕްރޮސްޓޭޓް ގްލޭންޑް، ކިޑްނީ ނުވަތަ ބްލެޑާގެ ބައްޔެއް ހުރި ކަމެވެ. މިއީ ސިއްހީ ލަފާ ހޯދަން ޖެހޭނެ ހާލަތެކެވެ.