އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުޙުސިން ޙަމީދު (ޖޭފޯ) ސަރުކާރު ހިންގާ މައި ޕާޓޯ، އެމްޑީޕީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.

ޖޭފޯ އެމްޑީޕީއާއި ގުޅިވަޑައިގަތީ ރައީސް ސޯލިހު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ނިލަންދޫގައި ބޭއްވި ބައްދަލުވުމެއްގައި ޖޭފޯއާއެކު އިތުރު 60 މީހަކުވެސް އެމްޑީޕީއަށް ވަނީ ސޮއިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ މަގާމުން ވަކިކުރުމަށް އެމްޑީޕީ މެމްބަރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ވެސް، ޖޭފޯ ވަނީ ސޮއި ކުރައްވާފައެވެ.

އެމްޑީޕީ މަޖިލިސް މެމްބަރުންގެ މިހާރުގެ އަދަދަކީ 56 އެވެ.

ޖޭފޯ މިހާތަނަށް މަޖިލީހުގައި ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގަ އެވެ.

ޖޭފޯ އާއެކު، މަޖިލީހުގެ މި ދައުރުގެ ތެރޭގައި އެމްޑީޕީއަށް އަލަށް ތިން މެމްބަރަކު ގުޅިވަޑައިގެންފައިވެ އެވެ. އެއީ ވިލިނގިލީ ދާއިރާޣެ މެމްބަރު ސައުދު ހުސައިނާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ. އަދި މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑި ހުސްވުމުން ބޭއްވި ދެ ބައި އިލެކްޝަނެއް ވެސް އެމްޑީޕީ ވަނީ ކާމިޔާބުކޮށްފަ އެވެ.

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެއްދި 12 މެމްބަރަކު ވަނީ އެޕާޓީން ވަކިވެފަ އެވެ. އަދި އެބޭފުޅުން ގެންދަވަނީ ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.