ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރައްވައިފި އެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު ހެނދުނު ނިލަންދޫ ކައުންސިލް އިދާރާގަ އެވެ.

މިބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި އެރަށަށް ދަތުރުކުރެއްވި ވަފުދަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ކައުންސިލާއި ބައްދަލު ކުރެއްވުމުގެ ކުރިން ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މުހިއްމު ގިނަ ކަންތައްތަކެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރަށުކައުންސިލުން ވަނީ، ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހަތްކަމެއް ރައީސް އާއި ހިއްސާ ކުރައްވާފަ އެވެ. މިކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހުރި ދަތިތައް ނައްތައިލުމާއި، ގިރާސަރަހައްދު ހިމާޔަތް ކުރުމާއި، ކައުންސިލްއިދާރާގެ އައުއިމާރާތެއް އެޅުމާއި، ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، އަދި ސިއްހީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތާއި، ހޮސްޕިޓަލްގައި އައިސީޔޫއެއް ގާއިމްކުރުމާއި، އިންޖީނުގެ ރީލޮކޭޓްކުރުމާއި، ފެރީގެ ނިޒާމްގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހިމެނެ އެވެ. މީގެ އިތުރުން، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެނދިޔުމަށްޓަކައި އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

ނިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓިއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފަ އެވެ. މިޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ އެހޮސްޕިޓަލްގެ ވެރިންނާއި މުވައްޒަފުންނާއި އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންގެންދާ އާއްމުންނާއި، ބައްދަލުކޮށްލައްވައި، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވަވާފަ އެވެ.

ފ.އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހުގައި، ރައީސް ވަނީ، ނިލަންދޫގައި، އަމިއްލަ ފަރާތަކުން ހިންގާ، "ތަދްރީސުލް ޤުރުއާނުލްކަރީމް" ރަސްމީގޮތުން ހުޅުއްވައިދެއްވާފަ އެވެ. އެޤުރުއާން ކުލާސް ހުޅުއްވައި ދެއްވުމަށް ފަހުގައި، ރައީސްގެ ދެކަނބަލުން އެޤުރުއާން ކުލާސް ބައްލަވާލެއްވި އެވެ. މިޤުރުއާން ކުލާހަކީ، ހެނދުނު ކުލާހުގެ ނަމުގައި، 1969 ވަނަ އަހަރު ފެށުނު ޤުރުއާން ކުލާހެކެވެ. މިއަދު ރަސްމީކޮށް ހުޅުވި މިޤުރުއާންކުލާހުގެ އައު އިމާރާތުގައި 2 ކުލާސްރޫމް ހިމެނޭއިރު، މިހާރު މިޤުރުއާން ކުލާހުގައި 100 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެ އެވެ.

ރައީސްގެ ދެކަނބަލުން ފ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، ފ. ދަރަނބޫދޫއަށެވެ. ރައީސްގެ ދެކަނބަލުން، ފ. އަތޮޅަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.