1989 ވަނަ އަހަރު ނެރުނު ޑިޒްނީގެ އެނިމޭޓަޑް ފިލްމް "ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމް ރިލީޒްކޮށްފައި ވާއިރު ފިލުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ފިލްމު ނެރުމަށްފަހު މިއައި ފުރަތަމަ ހަފްތާ ބަންދުގައި އެމެރިކާގެ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް އެ ފިލްމުން ހޯދާފައިވާ ކަމަށް އެ ހަބަރުތައް ބުނެ އެވެ.

އެގޮތުން މި ހަފްތާ ބަންދުގެ ތެރޭގައި 117.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ފިލްމުން ހޯދާފައިވާ ކަމަށާއި އެއީ ވިން ޑީސަލްގެ ފާސްޓް އެންޑް ފިއުރިއަސްގެ އާމްދަނީގެ ދެބައިކުޅަ އެއްބައި އެވެ.

ކަނޑުއަޑީގެ ރަސްކަމެއްގައި ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ލިޓްލް މާމެއިޑްގެ ކާޓޫނަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ކާޓޫނެކެވެ.

ޑިޒްނީގެ އެނިމޭޓަޑް ފިލްމުތަކުގެ ލައިވް އެކްޝަން ފިލްމުތައް ނެރެމުން އަންނައިރު މީގެ ކުރިން ރިލީޒް ކޮށްފައިވާ ސިންދްރެއްލާ، ބިއުޓީ އެންޑް ދަ ބީސްޓް އަދި މެލެފިޝެންޓް ފަދަ ފިލްމުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ދަ ލިޓްލް މާމެއިޑް ލައިވް އެކްޝަން ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ހޭލް ބެއިލީއާއި މެލީސާ މެކްއާތީގެ އިތުރުން ޖޭކޮބް ޓްރެމްބްލޭ ހިމެނެ އެވެ.