ޓެކްނޮލޮޖީގެ މި ޒަމާނުގައި ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ މަގު ތަނަވަސް ވެފައިވާއިރު ގިނަ މީހުން ކުރިއަށް ވުރެ ގިނަ ވަގުތު ވަޒީފާގެ މަސައްކަތްތައް ކުރަން ހޭދަކުރާ ކަމަށް މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.

ގިނަ ބަޔަކު މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މި ވަނީ މިކަމާ ގުޅޭގޮތުން ރިޕޯޓެއް ނެރެފަ އެވެ.

އެ ރިޕޯޓުގައި ހަފުތާއަކު 55 ގަޑިއިރަށް ވުރެ ގިނައިރު، މަސައްކަތް ކުރާނަމަ އުމުރު ކުރުވާން މެދުވެރިވާ ކަމަށް ބުނެފައިވެ އެވެ އެއީ ހަފްތާ ބަންދުގެ އެއް ދުވަސް ނުލައި ދުވާލަކަށް ބަލާނަމަ ނުވަ ގަޑިއިރެވެ.

އެގޮތުން ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމަކީ ހިތުގެ ބަލިތަކަށާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާކަމެއް ކަމަށްވާއިރު އެކަމުގެ ސަބަބުން ކެއުމުގެ އާދަތަކަށް ނޭދެވޭ ބަދަލުތައް އަންނަ ކަމަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ކޮންމެ މީހަކުވެސް ހަފްތާއަކު މަސައްކަތް ކުރަން އެންމެ ރަނގަޅު މިންވަރަކީ 35 ގަޑިއިރާއި 40 ގަޑިއިރާ ދެމެދުގެ ވަގުތު ކަމަށެވެ. އެއީ ހަފްތާ ބަންދުގެ އެއް ދުވަސް ނުލައި ދުވާލަކަށް ބަލާނަމަ ހަ ނުވަތަ ހަތް ގަޑިއިރެވެ.

ސިއްހަތާމެދު އިހުމާލު ނުވެ ކަންކަމުގައި މެދުމިނު ގެންގުޅުމަކީ އޮތް އެންމެ ރަނގަޅު ގޮތެވެ. ވަގުތު ފާއިތު ނުވަނީސް ވަޒީފާގެ ކަންކަމަށް ވަކި ވަގުތެއް ހަމަޖައްސައި ދުވަހުގެ ތާވަލް ހަދަމާ ހެއްޔެވެ؟