މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރެއްގެ ތެރޭގައި އޮތް ޕެލެޓްތަކެއް ފޯކްލިފްޓެއްގެ އެހީގައި ބާލަނިކޮށް ވެއްޓި އަނިޔާވި ދެ މީހުންގެ ހާލު ރަނގަޅު ކަމަށް އެމްޕީއެލް އިން ބުނެފި އެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓެއިނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.

އަދި ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއަކު ޕެލެޓްގެ އަރިމަތީގައި ތާށިވެފައިވީ ކަމަށް އެކުންފުނިން ބުންޏެވެ.

އެ ހާދިސާގައި އިތުރު މީހަކަށް ވެސް އަނިޔާވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާދެމުންނެވެ.

އެ ދެ މީހުންނަށް ވެސް ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްޕީއެލް އިން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު އެ ކުންފުނިން ވަރަށް ގާތުން ބަލަމުންދާ ވާހަކަ ކަމަށާއި އެ ހާދިސާ ތަހުގީގްކޮށް، މި ފަދަ ކަމެއް ތަކުރާރުވެނުދިއުމަށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.

މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ. މަދުން ނަމަވެސް، އެފަދަ ހާދިސާތައް ހިނގުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.