ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ސްޓޫޑަންޓް ލޯން ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

އޭ-ލެވެލް ޓޮޕްޓެންއަށް އިނާމު ދިނުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފޯރުންތެރިކަން ނެތިގެން ނުވަތަ އާއިލާއާ ވަކިން ބޭރަށް ދާންޖެހިދާނެތީ، މަތީ ތައުލީމު ހާސިލުނުކުރެވިފައި ތިބޭ ތިބުމަށް ނިމުމެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މި އަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވި 1225 ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ކުދިންނަށް ވެސް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ވެސް މިހާރަަށް ވުރެ ފަހި ފުރުސަތުތައް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

މި ސަރުކާރުން ފެށި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމުލަ 3211 އަށް އަރަ އެވެ.

"މަތީ ތައުލީމާއި ތަމްރީންގެ މިހާ ފަހި ފުރުސަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައެއް ނެތް. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތައުލީމު ހޯދައިދިނުން. އަދި މަތީ ތައުލީމާއި ތަމްރީންގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރުން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މި އަހަރު ސްޓޫޑަންޓް ލޯން ސްކީމް އިއުލާން ކުރީ 720 ފުރުސަތު ދޭ ގޮތަށެވެ. މި ބަދަލާއެކު އިތުރު 505 ކުދިންނަށް ސްޓޫޑަންޑް ލޯން ލިބޭނެ އެވެ.