ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލު ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ފައިސަލު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިންތިޒާމުކޮށްގެން ބޭއްވި ކ. މާފުށީ ސްކޫލުގައި "އިންމޭޓް ކްރިއޭޓިވިޓީ ފެއާ 2023" ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދާކަމުގައި ފައިސަލު ވިދާޅުވި އެވެ.

މި ފެއާގެ މަގްސަދަކީ ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން ޤައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.

މި ޖޫން މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިޔަށްގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއާގައި ސާޅީހަށްވުރެ ގިނަ ގައިދީން ބައިވެރިވެ އެވެ. ފެއާގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެ އެވެ. މިފެއަރ ހުޅުވައިދެއްވުމަށްފަހު ނައިބު ރައީސް ވަނީ ފެއާގެ އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.